ފޮރިން މިނިސްޓްރީ

ގިނީ ބިސާއޫއާ އެކު ހާރިޖީ ގުޅުން ގާއިމުކޮށްފި

Sep 24, 2022

އެފްރިކާގެ ގައުމެއް ކަމުގައިވާ ރިޕަބްލިކް އޮފް ގިނީ ބިސާއޫއާ އާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.

ރާއްޖެއާ ގިނީ ބިސާއޫއާ ގުޅުން ގާއިމުކުރީ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކަމާގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ރިޕަބްލިކް އޮފް ގިނީ ބިސާއޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ސޫޒީ ކާލާ ބާބޯސާ އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމު ކުރާ ގައުމުތަކާ އެކު ސިޔާސީ ގުޅުން ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެކެވެ.

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް ގިނީ ބިސާއޫ އަކީ 1.97 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ.

ރިޕަބްލިކް އޮފް ގިނީ ބިސާއޫ އަކީ ރާއްޖެއިން ހާރިޖީ ގުުޅުން ގާއިމުކުރި 181 ވަނަ ގައުމެވެ.