ކްރިމިނަލް ކޯޓް

40 ދައުވާގައި އަލަމްގީރަށް ހުކުމްކުރުން މިމަހު 28ގައި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރަށް ކުރާ 40 ދައުވާއާއި ގުޅިގެން ހުކުމްކުރުން މިމަހުގެ 28 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަލަމްގީރްގެ މައްޗަށް އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ ވަނީ އިއްޔެ އިއުތިރާފުވެފަ އެވެ. ކުށުގެ އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން 40 ދައުވާއަށް 1080 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލަމްގީރް މިހާރުވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

މިތިން ދައުވާއާ ގުޅިގެން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. ނާޒިމް އާއި ރަފީއު ކުށަށް އިއުތިރާފްވެފައިވާތީ ނާޒިމް ގެންދަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ތަންފީޒުކުރަމުންނެވެ. ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.