ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ފިނޭއަށް ވަޑައިގެންފި

Sep 26, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ދެވަނަ ރަށެއްގެ ގޮތުގައި ހދ. ފިނޭއަށް ވަޑައިގެންފި އެވެ.

ރައީސް ފިނޭއަށް ވަޑައިގަތުމުން އެރަށުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ އެވެ. އަދި ފެނަކަ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ވެސް ހުޅުއްވައިދެއްވާނެ އެވެ.

ފިނޭ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ރައީސް މިއަދު ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހް ފިނޭއަށް ވަޑައިގެންނެވީ ހދ. ނައިވައިދޫ އަށް މިއަދު ވަޑައިގަތުމަށްފަހު އެވެ.

ރައީސް ތިލަދުންމައްޗަށް މިކުރައްވާ ދަތުރުފުޅުގައި ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ.

އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.