ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަސާސީ ހިދުމަތްތައް ދޭނެ ވާހަކަ މެނިފެސްޓޯގައި ލިޔާކަށް ނުޖެހޭ: ރައީސް

ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި އެއީ ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހދ. ފިނޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް މިއަދު ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ބޭނުންނަމަ ހާއްސަ އިސްކަމެއް ދީގެން ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަނީ އަސާސީ ހިދުމަތްތައް ގާއިމުކޮށް އެ ރަށްތަކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ރަށްތަކަށް ހެދުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

"އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާއަކީ މެނިފެސްޓޯއެއްގައި ހިމެނުމަށްވުރެ މާމުހިއްމު އަސާސީ ހައްގުތަކެއް. އެހެންވެ މި ސަރުކާރުގެ މެނިފެސްޓޯގައި އެފަދަ ހިދުމަތްތައް ދޭނެ ވާހަކަ ލިޔެފައި ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރަށްތަކުންނާއި ފިނޭ އިން ކުރިއަށް އޮތް އަހަރުތަކުގައި ތަރައްގީގެ ކުލަވަރު ފެންނަމުންދާނެ ކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި އަދި ވައުދު ފުއްދުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ތަފާތުކުރުމެއް ނެތި، ހަމަހަމަކަންމަތީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ފެނަކަ ކޯޕަރޭޝަނުން ކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ފެނަކަ އިން މިހާރު ކުރަމުންދާ މަސައްކަތް އެގޮތަށް ކުރިއަށް ނުދާނަމަ، ރަށް ރަށަށް ގެންނަން ބޭނުންވާ ތަރައްގީ މިހާރު ކުރިއަށްދާ ދުވެލީގައި ނުގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ފެނަކަ އާއި ގުޅިގެން ތަރައްގީގެ އިތުރު މަޝްރޫއުތަކެއް ވެސް ސަރުކާރުން މިވަނީ ފަށާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފިނޭގެ ރަށު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ރަށަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ވަކި ތާރީހެއް ނުދެންނެވި ނަމަވެސް ފިނޭގެ ބަނދަރު ތަރައްގީ ކުރުމަށް އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތިލަދުންމައްޗަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ފިނޭގެ ކުރިން ހދ. ނައިވައިދޫ އަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ދެން ވަޑައިގަންނަވަނީ ހއ. އުތީމާއި ހއ. ދިއްދޫ އަށެވެ.