ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

ހަނިމާދޫ އެއާޕޯޓުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Sep 27, 2022

ބަޑިއެއް އޮވެދާނެތީ ލަގެޖު ރަނގަޅަށް ފާސްކުރަން ބުނެގެން ހައްޔަރުކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފު ދޫކޮށްލައިފި އެވެ.

މިމައްސަލައިގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އިއްޔެ މީޑިއާ އިން ފޮނުވި މެސެޖުގައި ބުނެފައިވަނީ އެއާޕޯޓްގެ ރައްކާތެރިކަން "ކޮމްޕްރޮމައިޒް"ވާ ގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާ ގުޅިގެން ސުވާލުކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެ މީހާއާ ސުވާލުކުުރުމަށްފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެއާޕޯޓުގެ ސެކިއުރިޓީއާ ގުޅޭ މައްސަލައެއްގައި ހަނިމާދޫން މީހަކު ހައްޔަރުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫ އެއާޕޯޓަށް ވަޑައިގެން އެ ތަނުން ހައްދުންމައްޗަށް ދަތުރުފުޅެއް ފެއްޓެވި ވަގުތު އެވެ.