އދ. ދިއްދޫ

އާރްޓީއެލް ފެރީގައި ރައީސް ދިއްދޫއަށް ވަޑައިގެންފި

Sep 27, 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީއެއްގެ ހއ. އުތީމުން ހއ. ދިއްދޫ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަޑައިގެންފި އެވެ.

އުތީމުން ފުރައިގެން 15 މިނެޓް ތެރޭގައި އެ ފެރީ ދިއްދޫއަށް ދިޔައިރު އެ ރަށު ބަނދަރަށް ގިނަ ބަޔަކު އެއްވެ ރައީސް ސޯލިހަށް މަރުހަބާ ކިޔާފައިވެ އެވެ.

އާރްޓީއެލްގެ ފެރީގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުރުން މިރޭ ދިއްދޫގައި އޮންނާނެ އެވެ.

ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12 ވަނަ ދުވަހު އެވެ. މިހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. އޭގެފަހުން ހއ. އަތޮޅުގައި ފެށުމަށްފަހު މިމަހުގެ ތެރޭގައި ވަނީ ށ. އަތޮޅުގައި ހިދުމަތް ދޭން ފަށާފަ އެވެ.

އާރްޓީއެލްގެ ދަތުރުތައް 100 ރުފިޔާއަށް ވުރެ ކުޑަ އަގެއްގައި ކޮށްލެވޭތީ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުކުރުމުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަވެފަ އެވެ.

ޒޯން އެކެއްގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންދަނީ 30 ނޮޓްގެ ބާރުމިނުގައި ދަތުރުކުރާ 17 ފެރީ ބޭނުންކުރަމުންނެވެ. މިއުޅަނދުތައް ބަނދެފަވަނީ ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގަ އެވެ.

ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ވަނީ 65 ފެރީ ބަންނަން ބަޔަކާ ހަވާލުކޮށްފަ އެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.