ދުނިޔެ

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން ލީކުވާން ފަށައިފި

ރަޝިއާއިން ބޯލްޓިކް ކަނޑު އަޑިން ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން -- "ނޯޑް ސްޓްރީމް 1" އަދި "ނޯޑް ސްޓްރީމް 2" އިން ގޭސް ލީކުވާން ފަށައިފި އެވެ.

ނޯޑް ސްޓްރީމް 2 ގޭސް ހޮޅިތައް ބަލަހައްޓާ "ނޯޑް ސްޓްރީމް އޭޖީ" އިން ބުނި ގޮތުން، ގޭސް ހޮޅިތަކުން އާދަޔާ ޚިލާފަށް ޕްރެޝަރު ދަށްވާކަން ހޯމަ ދުވަހު ފާހަގަކުރެވުނެވެ. އަދި ގުޅުން ހުރި އިދާރާތަކުގެ ސަމާލު ކަމަށް އެކަން އެންގުނެވެ.

ގޭސް ލީކުވާކަން ފުރަތަމަ ރެކޯޑް ކުރެވުނީ ޑެންމާކް ކަނޑުއަޑިން އަޅާފައި އޮތް ނޯޑް ސްޓްރީމް 2ގެ ހޮޅިތަކުން ކަމަށް ނޯޑް ސްޓްރީމް އޭޖީ އިން ވަނީ ބުނެފަ އެވެ.

އެއަށް ފަހު ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ނޯޑް ސްޓްރީމް 1 އިން ގޭސް ލީކުވާކަން ފާހަގަކުރެވުނު ކަމަށް ހޮޅިތައް އޮޕަރޭޓްކުރާ ކުންފުނިން ބުންޏެވެ.

ރަޝިއާ އިން ޔޫރަޕަށް ގޭސް ފޯރުކޮށް ދިނުމަށް ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން މިހާރު ގޭހެއް ނުފޮނުވަ އެވެ. އެހެން ނަމަވެސް ގޭސް ފޮނުވަން ޖެހިދާނެ ކަމަށް ނޯޑް ސްޓްރީމް އެކަކާއި ނޯޑް ސްޓްރީމް ދޭއްގެ ހޮޅިތައް ފުރެންދެން ގޭސް ހުންނާނެ ކަމަށް އޮޕަރޭޓަރު ބުނެ އެވެ.

ނޯޑް ސްޓްރީމް އެކެއް އޮގަސްޓް ފަހުކޮޅު ހުއްޓާލި ގޮތަށް އަދިވެސް އޮތީ އެވެ. އެއީ މަރާމާތަށް ބޭނުންވާ ޓާބައިން އަދި ގުޅުން ހުރި ސާމާނު ނުލިބިގެންނެެވެ.

ނޯޑް ސްޓްރީމްގެ ބައެއް ބައިތައް ޔޫރަޕްގެ ކުންފުނިތަކުގައި އުފައްދަ އެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި ރަޝިއާ އާއެކު ވިޔަފާރިކުރުން ޔޫރަޕްގެ ކުންފުނިތަކަށް މަނާވުމުގެ ސަބަބުން މަރާމާތަށް ބޭނުްންވާ ސާމާނު ނުފޮނުވިގެން އުޅެނީ އެވެ.

ނޯޑް ސްޓްރީމް ދޭއްގެ ހޮޅިތައް އެޅިގޮތަށް އަދިވެސް އޮތީ އެވެ. ރަޝިއާ އަށް ދަތިކުރަން ހުޅަގުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ހޮޅިތައް ހުޅުވޭ ގޮތަށް ޖަރުމަނަަކަށް ނުވި އެވެ. އެއީ ހަކަތަ ވިއްކައިގެން ލިބޭ ފައިސާއިން ޔުކްރޭން ހަނގުރާމައަށް ރަޝިއާ ހޭދަކޮށްފާނެތީ އެވެ.

މިހެން ކަންއޮއްވައި މިހާރު އެ ބުނަނީ ނޯޑް ސްޓްރީމް ހޮޅިތަކުން -- ޔޫރަޕްގެ ކަނޑު އަޑިން ގޭސް ލީކުވާ ވާހަކަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގޭސް ލީކުވުމުގެ ކުރިން ބާރުގަދަ އެއްޗެއް އެ ހިސާބު ކަނޑު އަޑިން ގޮވިކަން ވަނީ ރެކޯޑް ކުރެވިފަ އެވެ. އެކަމަކު އެއީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެ އެވެ.

އެއީ ބަޔަކު ގަސްދުގައި ގޭސް ހޮޅިތަކަށް ގެއްލުން ދިނުމަށް ގޮއްވާލި އެއްޗަކަށް ވެދާނެ ކަމަށް ވެސް ޝައްކު ކުރެވެ އެވެ. އެހެން ނަމަވެސް، އެ ހިސާބު ކަނޑު އަޑިއަށް ފީނައިގެން ނޫން ގޮތަކަށް -- ވަކި ގޮތެއް ނިންމަން ނޭނގޭ ކަމަށް ރަޝިއާ ބުނެ އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެ ހިސާބުގައި މިހާރު ވަނީ ރައްކާތެރި ކަމުގެ ބޯޑަރެއް، ވަކި ދުރުމިނެއް ގާއިމުކޮށްފަ އެވެ. އެއަށް ވުރެ ކައިރިން -- ކަނޑުން ދަތުރުކުރާ ނަމަ ނުވަ ކިލޯ މީޓަރު އަދި ވައިގެ ތެރެއިން ދަތުރުކުރާ ނަމަ 1،000 މީޓަރު ދުރުން ދަތުރުކުރަން އުޅަނދު އޮޕަރޭޓަރުންނަށް ވަނީ އަންގާފަ އެވެ.