ކްރިމިނަލް ކޯޓް

40 ދައުވާގައި އަލަމްގީރަށް މާދަމާ ހުކުމްކުރަނީ

Sep 28, 2022

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރަށް ކުރާ 40 ދައުވާއާއި ގުޅިގެން ހުކުމްކުރުން މާދަމާ އަށް ފަސްކޮށްފި އެވެ.

އަލަމްގީރްގެ މައްޗަށް އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ ވަނީ މިމަހުގެ 25 ވަނަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ކުށުގެ އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން 40 ދައުވާއަށް 1080 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މިއަދު އޮތީ 40 ދައުވާއަށް އަލަމްގީރް އެއްބަސްވެފައިވާތީ އޭނާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ކުށުގެ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދާ މިމައްސަލަައިގެ އަޑުއެހުންތައް ނިންމާލާފައިވާތީ މާދަމާ އޮންނާނީ ހުކުމްކުރުން ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

އަލަމްގީރް މިހާރުވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

މިތިން ދައުވާއާ ގުޅިގެން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. ނާޒިމް އާއި ރަފީއު ކުށަށް އިއުތިރާފްވެފައިވާތީ ނާޒިމް ގެންދަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ތަންފީޒުކުރަމުންނެވެ. ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.