ބޮލީވުޑް

ތަމަޅަ ފިލްމެއް ކުޅޭ ފުރަތަމަ ބޮލީވުޑް ބަތަލަކީ އަކްޝޭ

Jan 14, 2016

އާންމުގޮތެއްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންނަށް ހިންދީ ފިލްމުގެ އިތުރުން ތަމަޅަ ފަދަ ފިލްމުތައް ކުޅުމުގެ ހުށަހެޅުންތައް ވެސް ލިބެ އެވެ. މީގެ ތެރެއިން ގިނަ ބަތަލާއިން މިފަދަ ފިލްމުތައް ކުޅެފައިވާއިރު، މިހާތަނަށް ބޮލީވުޑްގެ ބަތަލަކު ތަމަޅަ ފިލްމެއް ކުޅެފައެއް ނުވެ އެވެ.

ނަމަވެސް މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު މިހާރު ވެފައިވަނީ ބޮލީވުޑްގެ ބަތަކުންގެ ތެރެއިން އެންމެ ފުރަތަމަ ތަމަޅަ ފިލްމެއް ކުޅޭ ހިންދީ ފިލްމީ ތަރިއަކަށް ވެފަ އެވެ.

ރަޖްނިކާންތުގެ "ރޮބޮޓް 2" ގައި ނުބައިބައި ރޯލަކުން ފެނިގެންދާ އަކްޝޭ ބުނީ ތަމަޅަ ފިލްމަކުން ފެނިގެންދާ ފުރަތަމަ ބޮލީވުޑްގެ ބަތަލަށް އޭނާ ވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"އިތުރު އެހެން ކޮން ބަތަލެއްތަ ތަމަޅަ ފިލްމެއް ކުޅުނީ. ތަމަޅަ ރޯލްތައް ކުޅެން ވަރަށް އުނދަގޫ. މިހާތަނަށް އަހަރެން ވަނީ މަރާތީ އަދި ޕަންޖާބު ފިލްމެއްވެސް ކުޅެފައި. އަދި ބޭނުންވޭ ގުޖްރާތީ އާއި ބިހާރީ އަދި ބެންގާލީ ފިލްމެއް ވެސް ކުޅެން" އަކްޝޭ ބުނެފައިވެ އެވެ.

"ރޮބޮޓް 2" ބެހޭގޮތުން ވާހަކަދައްކަމުން އަކްޝޭ ވަނީ މިފިލްމުން ވަރަށް ހާއްސަ މެސެޖެއް އާންމުންނަށް ފޯރާނެ ކަމަށެވެ. އަދި މި ފިލްމުން ދޭ މެސެޖުން ކޮންމެ މީހަކަށްވެސް ވަރަށް ހާއްސަ ފިލާވަޅެއް ލިބިގެންދާނެ ކަމަށްވެސް އަކްޝޭ ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގައި އަކްޝޭ ހިންދީ ބަހާއި ތަމަޅަ ބަހުން ވާހަކަދައްކާނެ ކަން އަދި ޔަގީނެއް ނޫނެވެ.

އެންމެފުރަތަމަ މިފިލްމުގެ ނުބައިބައި ރޯލު ހުށަހަޅާފައިވަނީ އަމީތާބް ބައްޗަން އަށެވެ. ނަމަވެސް ރަޖްނިކާންތް ވަނީ އަމީތާބް ސަޕޯޓަރުން އޭނާ ނުބައިބައި ރޯލަކުން ފެނިގެން ގޮސްފިނަމަ ހިތްހަމަނެޖެހޭނެ ކަމަށް ބުނެފަ އެވެ.

މީގެކުރިން އަކްޝޭ ވަނީ "އަޖްނަބީ" ގައި ނުބައިބައި ރޯލަކުން ފެނިގެންގޮސްފަ އެވެ. މިހާރު އަކްޝޭ ތައްޔާރުވަމުން އަންނަނީ މިމަހުގެ 22ވަނަ ރިލީޒްކުރުމަށް ހަމަޖެހިފައިވާ "އެއާލިފްޓް" ރިލީޒްވާނެ އިރަކަށެވެ.