ދުނިޔެ

އީޔޫ އެމްބެސެޑަރު ނިކަރާގުއާއިން ބޭރުކޮށްލައިފި

މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ނިކަރާގުއާ އަށް ޔޫރަޕިއަން ޔޫނިއަނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބެޓީނާ މުޝާއިޓް ނިކަރާގުއާ އިން ބޭރުވާން އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ސަފީރު އެ ގައުމުން ބޭރުކޮށްލީ ނިކަރާގުއާ ސަރުކާރުން ބުނާ ގޮތުން ގައުމުގެ ސިޔާސަތަށް މާބޮޑަށް ފާޑުކިޔައި ގައުމިއްޔަތަށް ނުރައްކާވެދާނެ ކަމަށް ބެލެވެން ފެށުމުންނެވެ.

ބެޓީނާ މުޝާއިޓް ނިކަރާގުއާގައި ކުރައްވާ މަސައްކަތަކީ ޔޫރަޕިއަން ޔޫނިއަނަށް ޖާސުސްކުރެއްވުން ކަމަށް ތުހުމަތުކުރެވޭ ކަމަށް އޮފިޝަލުން ބުނެ އެވެ. ސަރުކާރު ހިންގަން ޖެހެނީ ވެސް އެނާ ވިދާޅުވާ ގޮތަށް -- ޔޫރަޕުން އަންގާ ގޮތަށް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ނިކަރާގުއާ އިން މިގޮތަށް އަމަލުކޮށްފައި މިވަނީ މިދާކަށް ދުވަހު ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގައި ހިމެނޭ ޗާލްސް މިޝޭލް، ނިކަރާގުއާގެ ރައީސް ޑެނިއެލް އޯޓެގާ އަށް ފާޑުވިދާޅުވެ އދ. އާންމު މަޖިލީހުގައި ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

ޗާލްސް މިޝޭލް އދ. އަށް ޝަކުވާ ހުށަހަޅުއްވާފައިވަނީ ނިކަރާގުއާގެ ސަރުކާރުން އާންމުު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އެވެ. އަދި ރައީސް ޑެނިއެލް އޯޓެގާ އަށް ގައުމު ރަނގަޅަށް ނުހިންގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ. ގައި ވާހަކަ ދައްކަވަމުން ޗާލްސް މިޝޭލް ވިދާޅުވީ ނިކަރާގުއާގެ ގާނޫނުއަސާސީ އަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އެ ގައުމުގެ ސަރުކާރުން ކަމޭ ހިތަން ޖެހޭ ކަމަށެވެ. އަދި އަސާސީ އުސޫލުތަކަށް ރުޖުއާވުމަށްވެސް އެ ގައުމަށް ގޮވާލެއްވި އެވެ.

ނިކަރާގުއާގައި ނޫސްވެރިންނަށް އަދި ސިޔާސީ ތަފާތު ފިކުރަކަށް ޖާގަ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންސާނީ ހައްގުތަކަށް ވާކާލާތުކުރުން ބޮޑު ބިރަކަށް ވެފައި އޮތް ކަންވެސް ފާހަގަކުރެއްވި އެވެ.

ނިކަރާގުއާގައި މިހާރު އޮތީ ޔޫރަޕަށް -- ހުޅަނގަށް ކަމުދާ ސަރުކާރެއް ނޫނެވެ. އަދި ސަރުކާގެ ސިޔާސަތު އޮތީ ވެސް ހުޅަނގަށް ރިހުމަކަށްވާ ގޮތަށެވެ. އެހެންކަމުން ނިކަރާގުއާގައި ހުޅަނގަށް ހެދޭ ގަހެއް ފަޅަންދެއް ޝަކުވާ ކުރުމުގައި ޔޫރަޕިއަން ޔޫނިއަން ދެމި އޮންނާނެ އެވެ.