ކްރިމިނަލް ކޯޓް

އަލަމްގީރް ދެ އަހަރާއި އަށް މަހަށް ޖަލަށް

Sep 29, 2022
1

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރަށް ދައުލަތުން ކުރި 40 ދައުވާ ގުޅިގެން އޭނާ ދެ އަހަރާއި އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ ވަނީ މިމަހުގެ 25 ވަނަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.

މި ދައުވާތަކުގެ އަސާސީ އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ. މި އުސޫލުގެ މަތިން އޭނާއަށް ހުކުމްކުރުމުން ދެ އަހަރާއި 11 މަސް ދުވަހުގެ ޖަލު ހުކުމެއް އާދެ އެވެ. ނަމަވެސް އޭނާ ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފައިވާތީ ތަންފީޒުކުރާނީ ދެ އަހަރާއި އަށް މަހުގެ ޖަލު ހުކުމެވެ.

އަލަމްގީރް މިހާރުވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

މިތިން ދައުވާއާ ގުޅިގެން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. ނާޒިމް އާއި ރަފީއު ކުށަށް އިއުތިރާފްވެފައިވާތީ ނާޒިމް ގެންދަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ތަންފީޒުކުރަމުންނެވެ. ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގިނަ އަދަދެއްގެ މީހުންނާ އެކު އަލަމްގީރު އެއްޖިންސުން ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ކުރުމުން އެ ވީޑިއޯތައް ބޭނުންކޮށްގެން އެތައް ބަޔަކު ބްލެކްމެއިލްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ފުލުހުން މިހާރު ވަނީ ތިން މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.