އެމްއެމްއޭ

ރިޒާވުން އެއް ބިލިއަން ރުފިޔާ މަދުވެއްޖެ

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވުން 70 މިލިއަން އެމެރިކާ ޑޮލަރު -- ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ މަދުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓްގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރީ 658 މިލިއަން އެމެރިކާ ޑޮލަރެވެ. ޖުލައިގެ ނިޔަލަށް ރިޒާވްގައި ހުރީ 728.2 މިލިއަން އެމެރިކާ ޑޮލަރެވެ.

މިދިޔަ އަހަރުގެ އޮގަސްޓްގައި ރިޒާވްގައި ހުރީ 874.3 މިލިއަން އެމެރިކާ ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ ޑިސެމްބަރު 2020ގެ ފަހުން ރާއްޖޭގެ ރިޒާވް 700 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ނޮވެމްބަރު 2020ގައި ރާއްޖޭގެ ރިޒާވްގައި ހުރީ 629.9 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވެސް ތަފާސްހިސާބުތައް ދައްކަ އެވެ. އަދި ޑިސެމްބަރު 2020 ގައި ރާއްޖޭގެ ރިޒާވްގައި ހުރީ 984.9 މިލިއަން އެމެރިކާ ޑޮލަރެވެ.

އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ. އަދި ރިޒާވުގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް ކުރިން އާއްމުކުރެ އެވެ. ނަމަވެސް ރިޒާވްގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް އާއްމު ކުރުން މިހާރު ވަނީ ހުއްޓާލާފަ އެވެ.