ރައްޔިތުންގެ މަޖިލިސް

ޖީއެސްޓީ ބޮޑުކުރުމާމެދު އީވާގެ ކަންބޮޑުވުން

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ، އިސްލާހުގެ އިބްތިދާއީ ބަހުސްގައި އީވާ ވަނީ އާމްދަނީ އިތުރުކުރުމަށް މިހާރު ކަންކަން ކުރަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޖީއެސްޓީ ފަދަ އާންމުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުން އެންމެ ރަނގަޅުތޯ ސުވާލު އުފެއްދެވި އެވެ.

އީވާ ވިދާޅުވީ 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ހާލަތަށްފަހު ކުރިމަތިވީ އިގުތިސާދީ ކާރިސާއެއް ކަމަށާއި ކޮވިޑުން އަރައިގަނެވުނުއިރު، އިގުތިސާދީ މާލީ ކަންކަމުން ދުނިޔެ އާއި ރާއްޖެއަށް އަރައިގަނެވުނު ކަމަށް އަދި ނުބުނެވޭނެ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ލުއި ތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވާ ވިދާޅުވީ ލޯނު ފަސްކުރުމާއި އިންކަމް ސަޕޯޓް ދީފައިވާ ކަމަށެވެ.

"ސަރުކާރުގެ ބަޖެޓަށް އެންމެ ބުރަ ބޮޑުވި ވަގުތު ވެގެންދިޔައީ، ރާއްޖޭގެ އާމްދަނީވެސް އެންމެ ހީނަރުވެގެންދިޔަ ވަގުތު" އީވާ ވިދާޅުވި އެވެ.

ދުނިޔޭގެ ހުރިހާ ސަރުކާރުތަކުންވެސް ލުއިތަކެއް ދިންކަން އީވާ ފާހަގަކުރެއްވި އެވެ. އެގޮތުން ޓެކްސް ނިޒާމަށް ބަދަލު ގެނެސް، ފުއްދުންތެރިކަން ހުރި މީހުން އަތުން އިތުރު ޓެކްސް ނެގި ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް އެމެރިކާގައި ބިލިއަނާސް ޓެކްސްއެއް، މިސާލަކަށް ޔޫރަޕްގެ ގައުމުތަކުގައި ޕްރޮޕަޓީ ޓެކްސްއެއް، މިސާލަކަށް ކެނެޑާގައި ސެކަންޑް ހޯމް ޓެކްސްއެއް، އިންވެސްޓްމަންޓް ޓެކްސްއެއް، އަދި އެންވަޔަރަމަންޓް ޓެކްސްއެއްވެސް ނަގާ." އީވާ ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން އާންމުންގެ އަތުން ނަގަމުންދިޔަ ޓެކްސްއެއް އިތުރުކުރިކަން ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ވާހަކައާއެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔާފައިވާ ވާހަކަ ސުރުހީތަކުން ފެންނަ ކަމަށް ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި އައިއެފްއެމުން ހަރަދާއި ގުޅޭ ގޮތުން ލަފާދީފައިވަނީ ކެޕިޓަލް ހަރަދާއި ސަބްސިޑީ ދެމުންދާ ގޮތާއި ގުޅޭ ގޮތުން ނެވެ. އެގޮތުން ކުންފުނިތަކަށް ސަރުކާރު ބަޖެޓުން ކުންފުނިތަކަށް ކެޕިޓަލް އިންޖެކްޓްކުރުން އިސްލާހު ކުރުމާއި ސަބްސިޑީ ޓާގެޓްކޮށް ހައްގު ފަރާތްތަކަށް ދިނުން ކަމަށް ވިދާޅުވި އެވެ.

ޖީއެސްޓީ ބޮޑުކުރުމާއި ގުޅޭ ގޮތުން އީވާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖީއެސްޓީ ބޮޑުކުރުމަށް ތާއީދުކުރައްވާފަ އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އަދި ޓީޖީއެސްޓީ އަށް އިންސައްތަ އިތުރު ކުރުމަށެވެ.