ރައީސް މުހައްމަދު ނަޝީދު

އިންތިހާބު ގިނައެއް ނޫން، ހަރަދުވެސް ބޮޑެއް ނޫން: ނަޝީދު

Oct 5, 2022
2

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަންތައް ބާއްވާ އަދަދު އިތުރު ކަމަށް ގަބޫލުކުނުކުރައްވާ ކަމަށް ވިދާޅުވެ ބައި-އިލެކްޝަންތައް ބޭއްވުން މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.

ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީ ތަކުގެ ބައި-އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވެ އެފަދަ ކޮންމެ އިންތިހާބަކަށް ދައުލަތުން ކުރަންޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން މަޖިލީހަށް ދެ ބިލެއް ހުށަހަޅާފައިވެ އެވެ. އެގޮތުން މިކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

މުހައްމަދު އަބްދުﷲ ހުށަހެޅުއްވި ބިލާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ބައި-އިލެކްޝަން ބާއްވާ އަދަދު ގިނަ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ އިންތިހާބުތަކަށް ހިނގާ ހަރަދު ބޮޑު ކަމަށްވެސް ނަޝީދު ގަބޫލުފުޅެެއް ނުކުރައްވަ އެވެ. އެންމެ އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަނުން ހަރަދުކުރާ 160،000 ރުފިޔާ އެއީ މަޖިލީހުގައި "ސަޔަށް" ކުރާ ހަރަދުގެ ގޮތުގައިވެސް ނަޝީދު ސިފަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކަކީ ރައްޔިތުންގެ ތާއީދު ޕާޓީތަކަށް އޮތް ކަން އަންގައިދޭ ކަމެއްގެ އިތުރުން ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިކުރުވާ ކަމެއް ކަމަށެވެ.

"މީގެ އިންތިހާބެއް ބާއްވަން ހަރަދުވަނީ 160،000 ރުފިޔާ. މިއީ ހޮނިހިރު ދުވަހަކު ރަށެއްގައި ހިންގާޑިމޮކްރަސީގެ ވަރަށް ރީތި ހަރަކާތެއް،" ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް މުހައްމަދު އަބްދުﷲ ޝަފީގު އިސްލާހު ހުށަހަޅުއްވާފައިވަނީ ލޯކަލް ކައުންސިލްގެ ގޮނޑިއެއް ނުވަތަ ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވެއްޖެނަމަ އަހަރަކު އެއް ފަަހަރު އިންތިހާބު ބާއްވަންޖެހޭ ގޮތަށެވެ. އެގޮތުން ދެ ބައި-އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ. ކައުންސިލްގެ ދައުރު ހަމަވާން ނުވަތަ ޑަބްލިއުޑީސީގެ ދައުުރު ހަމަވާން އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއް ނަމަ އިންތިހާބު ބާއްވާކަށް ނުޖެހެ އެވެ. އެކަމަކު ކައުންސިލްގެ ގޮނޑި ނުވަތަ ޑަބްލިއުޑީސީގެ ގޮނޑި ހުސްވެ، ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށް ގެންދަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުކުރެވޭނަމަ ގޮނޑި ހުސްވާތާ 60 ދުވަސް ތެރޭގައި އިންތިހާބު ބާއްވަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް 23 ބައި އިލެކްޝަން ބާއްވާފައިވެ އެވެ. ކޮންމެ ބައި އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.