އެމްޑީޕީ

ފިޔަވަޅު އަޅަން ވައިޓްހައުސްއަށް ފޮނުވި ރާއްޖޭގެ އިސްވެރިންގެ ލިސްޓަށް އެމްޑީޕީގެ މަރުހަބާ

އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ސިޔާސީ ގައިދީން މިނިވަން ކުރަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ މަދަނީ ޖަމިއްއްޔާ، "ފްރީޑަމް ނައު" އިން ރާއްޖޭގައި އިންސާނީ ހައްގުތައް ހީނަރުވަމުން އަންނަ ކަމަށް ފާހަގަކޮށް ތަކުރާރުކޮށް ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނާ ފަރާތްތަކާމެދު ޓަގެޓެޑް ސެންކްޝަން އެޅުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް އެމްޑީޕީއިން މަރުހަބާ ކިޔައިފިއެވެ.

ފްރީޑަމް ނައު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާގެ އެންޖީއޯއެކެވެ.

"މޫވިން ފްރޮމް ކޮންޑެމްނޭޝަން ޓް އެކްޝަން"ގެ ނަމުގައި ތައްޔާރުކޮށްފައިވާ 30 ސަފުހާގެ ރިޕޯޓްގައި ރާއްޖޭގައި އިންސާނީ ހައްގުތަކާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ޓާގެޓެޑް ސެންކްޝަންސް އަޅަން ޖެހޭ ސަބަބުތައް ބަޔާންކޮށްފައިވެއެވެ. އަދި ރިޕޯޓާއެކު ފިޔަވަޅު އަޅަންވީ ރާއްޖޭގެ އިސްވެރިންގެ ލިސްޓެއް ވެސް ވައިޓް ހައުސްއަށް ވަނީ ފޮނުވާފައެވެ.

އެމްޑީޕީއިން މި ރިޕޯޓަށް މަރުހަބާ ކިޔާ، މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފްރީޑަމް ނައުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުން މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަޙް ވަރަށް ފުރިހަމައަށް ތަސައްވުރު ކުރެވޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ރާއްޖެއަށް ލިބެމުން އަންނަ ގެއްލުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަ ބޮޑެތި ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރެވޭނީ ސަރުކާރުގެ އަމަލުތައް އިސްލާހުކޮށްގެން ކަމަށެވެ.

"... ސިޔާސީ ޕާޓީތައް ގާނޫނުގައިވާ ގޮތަށް މިނިވަންކަމާއެކު ހިންގުމަށް ޖާގަ ދީގެންނެވެ. ޑިމޮކްރަސީގެ އުސޫލުން ގައުމު ހިންގުމަށް ރައީސް ޔާމީން ޖާގަ ދެއްވުމަށް ގޮވާލަމެވެ. އަދި ހުދުމުހުތާރު ވެރިކަން އިއާދަވުމުން ރާއްޖޭގެ އިގުތިސާދަށް ލިބެމުން އަންނަ ގެއްލުމުން ސަލާމަތްކޮށް ބޭރުގެ ދުނިޔެއާއި ރާއްޖޭގެ ގުޅުން ވަރުގަދަކޮށް ޑިމޮކްރަޓިކް ނިޒާމް އިހުތިޔާރުކުރެއްވުމަށް ގޮވާލަމެވެ. މިފަދަ ބޮޑު އަދި މުހިއްމު ރިޕޯޓެއް ތައްޔާރު ކުރައްވައި ޢާންމު ކުރައްވާފައިވާތީ އެމްޑީޕީގެ ފަރާތުން ފްރީޑަމް ނައުއަށް ތަކުރާރުކޮށް ޝުކުރު އަދާކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުގައި މިފަދައިން ކަން ހިނގުމުން އެމެރިކާ ސަރުކާރުން އަމަލު ކުރައްވާފައިވާ ގޮތްތައް ރިޕޯޓުގައި ލިޔެފައިވެއެވެ. އެގޮތުން ބެލަރޫސް، ޒިމްބާބުވޭ އަދި ބަރުމާގައި އަނިޔާވެރިކަން އިތުރުވެ، ސިޔާސީ މީހުން ހައްޔަރުކޮށް، މިނިވަން މީޑިޔާ ނައްތާލުމާއި، މީހުން ގެއްލުވާލުމާއި، ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ގާނޫނު ހެދުމާއި، އިދިކޮޅު ސިޔާސީ ފިކުރު ނައްތާލެވުނު ގޮތްތަކާއި ރާއްޖޭގައި މިއަދު ހިނގަމުން އަންނަ ކަންކަން އަޅާކިޔައި ފާހަގަކޮށްފައިވެއެވެ. އެެހެންކަމުން މީގެ ކުރިންވެސް އެމެރިކާ ސަރުކާރުން އަމަލުކުރައްވާފައިވާ ގޮތަށް ރާއްޖޭގެ ވެރިންނާ މެދު ފިޔަވަޅު އެޅުއްވުމަށް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

ރާއްޖެއަކީ އެމެރިކާގެ ގައުމީ ސަލާމަތަށާއި ހާރިޖީ ސިޔާސަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ރިޕޯޓުގައިސިފަކޮށްފައި ވެއެވެ.

ވައިޓް ހައުސްގެ ސްޓޭޓް ޑިޕާޓްމަންޓް، ޓެރެޝަރީ ޑިޕާޓްމަންޓްގެ ފޮރިން އެސެޓްސް ކޮންޓްރޯލް އޮފީހަށް މި ރިޕޯޓް ހުށަހަޅާފައިވާއިރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރުންނަށް ވެސް ރިޕޯޓާއި ލިސްޓް ވަނީ ފޮނުވާފައެވެ. އިސް ފަރާތްތަކުގެ ލިސްޓް ފްރީޑަމް ނައު އިން ވަނީ ސިއްރުކޮށްފައެވެ. އެ ލިސްޓަކީ މީގެކުރިން އިނގިރޭސިވިލާތުގެ ސަރުކާރާ ހިއްސާކުރި ފަދަ ލިސްޓެއް ކަމަށް އެ ފަރާތުން ބުނެއެވެ. އިނިގިރޭސިވިލާތުގެ ސަރުކާރާ ހިއްސާކުރި ލިސްޓްގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ވާގިވެރިވާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.