ދީން

ދީނީ ދެބަސްވުންތައް ހައްލުކޮށް އިލްމުވެރިން ކުރިއެރުވަން ބޭއްވި ވޯކްޝޮޕް ނިންމާލައިފި

ސައުދީ އަރަބިއްޔާގެ ރާބިތަތުލް އާލަމުލް އިސްލާމިއްޔާ ޖަމާއަތާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިމާމުންނާއި ދީނީ އިލްމުވެރިން ކުރިއެރުވައި ދީނީ ދެބަސް ވުންތަށް ހައްލު ކުރުމަށް ބޭއްވި ވޯކްޝޮޕް ނިންމާލައިފި އެވެ.

ހަ ދުވަހުގެ މުއްދަތަކަށް އިސްލާމީ ސެންޓަރުގައި ބޭއްވި މި ވޯކްޝޮޕަކީ ރާއްޖޭގެ ދީނީ މައްސަލަތައް ހައްލު ކުރުމަށާއި ގުރުއާނުގެ ތަފްސީރާއި ހަދީސް އިލްމުގެ ބައެއް މައުލޫތަކާއި ގުޅޭ ގޮތުން މާލޭގެ އިމާމުންނާއި ދީނީ އިލްމުވެރިން އަދި ޙަތީބުނަށް މައުލޫމާތު ދީ މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވި ވޯކްޝޮޕެކެވެ.

މިއަދު ވޯކްޝޮޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ ރާބިތަތުލް އާލަމުލް އިސްލާމިއްޔާ އިން ވަޑައިގަތް ބޭފުޅުން ރާއްޖޭގެ އިމާމުންނަށް ފިލާވަޅުތަށް ނަންގަވައި މަޝްވަރާކޮށް އަދި އަމަލީ މައިދާނުގައި ހަރަކާތްތެރިވާން ޖެހޭ ގޮތް ކިޔާދިން ކަމަށެވެ.

"އަޅުގަނޑުމެންގެ އިމާމުންނަށާއި ޙަތީބުންނަށް ލިބިގެން މިދިޔައީ ވަރަށް ވެސް މުހިންމު މައުލޫމާތުތަކެއް. މީގެން އާމުންނަށް އެތަށް ފައިދާތަކެއްކުރާނެ. އަދި އަޅުގަނޑުމެން އުންމީދު ކުރަނީ ރާބިތަތުލް އާލަމުލް އިސްލާމިއްޔާ އަދި ވެސް މިފަދަ ވޯކްޝޮޕްތަށް ބާއްވާދޭނެ ކަމަށް. އަދި އެފަދަ ފުރުސަތެއް އަޅުގަނޑުމެންނަށް ލިބިއްޖެއާ ދެން ބާއްވާނީ އަތޮޅުތަކު ތެރޭގައި،" އިބްރާހިމް ވިދާޅުވި އެވެ.

މި ނިމިގެންދިޔަ ވޯކްޝޮޕްގައި ރާބިތާ ޖަމާއަތުން ވަޑައިގެންނެވި ދެ އިލްމުވެރިން ކަމަށްވާ ޑރ. އަލީ އައްޒުގްނާ އާއި ޑރ. އަލީ އަންނަހާރީ ވަނީ ކޮންމެ ދުވަހުވެސް ބައިވެރިންނަށް ތަމްރީންކޯށްދީ ލެކްޗާ ދެއްވާފަ އެވެ އަދި މިވޯކްޝޮޕްގައި ބައިވެރިވި 62 އިމާމުންނާއި ދީނީ އިލްމުވެރންނަށް ރާބިތާ އިން ވަނީ ހަނދާނީ ސެޓްފިކެޓު ވެސް ދީފަ އެވެ.