ފިނިޕޭޖް

ސޮނީ ޕިކްޗާސް އިން ޓާޒަންގެ ރައިޓްސް ގަނެފި

ސޮނީ ޕިކްޗާސްއިން ޓާޒަންގެ ރައިޓްސް ގަނެ، ފްރެންޗައިސް މުޅިން އާކޮށްލަނީ އެވެ.

"ޓާޒަން" އަކީ އެޑްގާ ރައިސް ބަރަސް 1912 ގައި ހެދި ކެރެކްޓާ އެކެވެ. އެޑްގާ، ޓާޒަންގެ ވާހަކަތައް 1940ގެ އަހަރުތަކާ ހަމައަށް ލިޔަމުން ގެންދިޔަ އެވެ.

ޓާޒަން އަކީ އިނގިރޭސި މަތީފަންތީގެ ދެމަފިރިއެއްގެ ދަރިއެކެވެ. އެ ދެމަފިރިންގެ ބޯޓު ހަލާކުވެ، އެފްރިކާގެ ގައުމަކަށް ލެއްގުމުން، ޖަންގަލީގައި އުޅެން ފަށަ އެވެ. އަދި ޓާޒަން ތުއްތުއިރު މަންމަ އާއި ބައްޕަ މަރުވުން، ޓާޒަން ބެލީ އޭޕްތަކެކެވެ.

ޓާޒަން ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއްނެތި ބޮޑުވީ "ކިންގް އޮފް އޭޕްސް"ގެ ގޮތުގަ އެވެ. އެ ރަށަށް ލައްގާ އެހެން ބޯޓަކުން އެމެރިކާގެ ޖޭން ޕޯޓާ އާއި ބައްޕަ ޓާޒަންއާ ދިމާވެ، ޓާޒަންގެ ހަޔާތް މުޅިން ބަދަލުވެ އެވެ.

މި ވާހަކައަށް 1918 އިން ފެށިގެން އެތައް ފިލްމަކާއި ޑިޒްނީ ކާޓޫނެއް ވެސް ހަދާފައިވެ އެވެ. އެންމެ ފަހުން ޓާޒަންއަށް ފިލްމެއް ހަދާފައިވަނީ 2016 ވަނަ އަހަރު އެވެ.

މި ފިލްމް، "ދަ ލެޖެންޑް އޮފް ޓާޒަން" ގައި ޓާޒަންގެ ރޯލް އަދާކޮށްފައިވަނީ އެލެކްޒެންޑާ ސާސްގާޑް އެވެ. އަދި މި ފިލްމު ވަނީ އޮރިޖިނަލް ވާހަކައަށް ވުރެ ސްކޯޕް ފުޅާކޮށްފަ އެވެ.

ޓާޒަންގެ އޮރިޖިނަލް ވާހަކައަށް އޭގައި ހިމެނޭ ބައެއް ކަންތައްތަކާއި ކުރީޒަމާނުގެ ވިސްނުން ރަމްޒުކޮށްދޭތީ، ކްރިޓީކުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެހެންކަމުން ސޮނީ އިން ވަނީ މި ކެރެކްޓާ އާއި ފްރެންޗައިޒްގެ މިސްރާބު މުޅިން އާ ދިމާލަކަށް ބަދަލުކުރަން ނިންމާފަ އެވެ.

ސޮނީ ޕިކްޗާސް އިން މި ފިލްމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިތުރު ކޮމެންޓެއް ނުދެ އެވެ.