ފިނިޕޭޖް

ޝޭކަރް ކަޕޫރްގެ އާ ފިލްމް ޖެނުއަރީގައި ނެރެނީ

ޝޭކަރް ކަޕޫރްގެ އާ ފިލްމް "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތް އިޓް؟" އަންނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

ރޮމޭންޓިކް ކޮމެޑީއެއް ކަމުގައިވާ މި ފިލްމުގައި ދައްކުވައިދެނީ ލަންޑަން އަދި ސައުތް އޭޝިއާގައި ލޯތްބާއި ރިލޭޝަންޝިޕްސް ނުވަތަ ގުޅުންތައް އޮންނަ ގޮތެވެ.

މި ފިލްމް ޕްރޮޑިއުސްކޮށް ލިޔެފައިވަނީ ޖެމީމާ ހާން އެވެ.

ފިލްމުގައި އެކްޓްކޮށްފައިވަނީ އެމާ ތޮމްޕްސަން، ޝަބާނާ އާޒްމީ، ލިލީ ޖޭމްސް އަދި ޝާޒާދް ލަތީފް އެވެ.

"ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތް އިޓް؟" އަކީ 2007 ގައި ކޭޓް ބްލެންޗެޓް އެކްޓުކުރި "އެލިޒަބަތް: ދަ ގޯލްޑަން އޭޖް" އަށްފަހު ޝޭކަރް ކަޕޫރް ޑައިރެކްޓްކުރާ ފުރަތަމަ ފުލް-ލެންތް ފީޗާ ފިލްމެވެ.

މި ފިލްމަކީ 1983 ގައި ނިކުތް ހިންދީ ފިލްމް "މާސޫމް" އަށް ފަހު ޝަބާނާ އާޒްމީ ބޭނުންކޮށްގެން ޝޭކަރް ހަދާ ފުރަތަމަ ފިލްމެވެ.