ވޯލްޑް ބޭންކް

މުދަލުގެ އަގާއި އިންފްލޭޝަން: ރާއްޖޭގެ އިގްތިސާދަށް ނުރައްކާ

Oct 6, 2022

ދުނިޔޭގައި މުދަލުގެ އަގު އުފުލި ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހާލަތަށް ނޭދޭވެ އަސަރުކުރަމުންދާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްއާ އެކު ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް(އެމްޑީޔޫ)ގައި ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 12.4 ޕަސަންޓްގައި ކަމަށެވެ. މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 4.8 ޕަސަންޓް އިތުރު އަދަދެކެވެ. އަދި 2023-2024 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 8.1 ޕަސަންޓްގައި ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ކުރިން ލަފާކުރި ވަރަށް ވުރެ ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާތީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އައި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ގާބިލްކަން ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭރުން ބޮޑެތި އަދަދުތަކުން ލޯން ނަގައިގެން ކުރާ ހަރަދުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެތީ އާއި ތެލާއި ކާޑަށް އާންމުކޮށް އެންމެންނަށް ލިބޭ ގޮތަށް ދައުލަތުން ސަބްސިޑީ ދޭތީ ދައުލަތުން ކުރާ ރިކަރަންޓް ހަރަދު އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލޮޅުމެއް އަތުވެދާނެ ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވެފައި އެކަމާ ގުޅުވައިގެން ސަރުކާރުން ކުރާ ހަރަދު އިތުރުވެދާނެތީ އެކަމުގެ ސަބަބުން އިގްތިސާދަށް މައްސަލަތަކެއް ކުރިމަވެދާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު ރާއްޖޭގައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށްޓަކައި މާލީ ފުދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ދަރަނި މެނޭޖުކުރަން ޓޫރިޒަމް ޖީއެސްޓީއާއި އާންމު ޖީއެސްޓީ ނަގާ ރޭޓް ބޮޑުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އިގްތިސާދީ ހާލަތު ރަނގަޅުކުރަން ކުރެވޭ މާނަވީ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކޮށް މުދަލާއި ހިދުމަތްތަކުން ސަބްސިޑީ ދެމުންދާ ގޮތްތައް މިހާރަށް ވުރެ ރަނގަޅަށް ހަމަޖައްސައި އިތުރު ފިޔަވަޅުތައް އަޅަންޖެހޭ،" ކަންޓްރީ ޑިރެކްޓަރު ވިދާޅުވެފައިވެ އެވެ.

ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލޯން ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވާތީ މީގެކުރިން ވެސް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުން ގެންދަނީ އެގޮތަށް އަމަލުނުކުރަން ރާއްޖެއަށް އިރުޝާދު ދެމުންނެވެ. އަދި ހަރަދު ކުޑަކޮށް ދަރަނި މެނޭޖުކުރުމަށްވެސް އެ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.