ފޮރިން މިނިސްޓްރީ

ހޫތީން ސުލްހައަށް ދެކޮޅު ހެދުން ރާއްޖޭން ކުށްވެރިކޮށްފި

Oct 7, 2022

ޔަމަންގެ ހަނގުރާމަވެރި ގުރޫޕް -- ހޫތީން ސުލްހަވުމަށް ދެކޮޅު ހަދާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ޔަމަނަށް ސުލްހަ ގެނައުމަށްޓަކައި ހާއްސަ މަންދޫބެއް ކަނޑައަޅުއްވާ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފަ އެވެ. ހޫތީން ގެންދަނީ އެއްބަސްވުމަށް އަމަލުކުރުމަށް ދެކޮޅު ހަދަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްހައަށް ހޫތީން ދެކޮޅު ހެދުން ކުށްވެރިކުރާ ކަމަށެވެ.

އދ. އާއި ގަލްފް އިނީޝިއޭޓިވް އިން ޔަމަނަށް ސިޔާސީ ހައްލުތަކެއް ހޯދުމަށް ކުރާ މަސައްކަތްތަކަށާއި ސައުދި އަރަބިއްޔާ އިން ޔަމަނަށް ސުލްހަ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޔަމަންގެ ރައީސް ކަމުން އަލީ އަބްދުﷲ ސޯލިހް 2012 ވަނަ އަހަރު ދުރުކުރި ފަހުން ޔަމަނަށް ހަމަޖެހުން އައިސްފައެއް ނުވެ އެވެ.

ޔަމަންގެ ބޮޑު ބައެއް ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިރު އެ ގައުމުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި އެތައް ބައެއްގެ ގެދޮރު ގެއްލި އެތައްހާސް ބަޔަކު ވަނީ މަރުވެފަ އެވެ.