ލައިފްސްޓައިލް

އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން "ހީރޯ" މަރުވެއްޖެ

އިންޑިޔާގެ މުމްބައިގައި އިއްޔެ އެމްބިއުލާންސަކާއި ކާރެއް އަދި އިތުރު ވެހިކަލްތަކެއް މުޑިއަރައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފަސް މީހުންގެ ތެރެއިން އެކަކީ ޗޭތަން ކަދަމް ނަމަކަށް ކިޔާ 36 އަހަރުގެ މީހެކެވެ. ޗޭތަން އަކީ މީގެ ކުރިން އެތައް ބަޔަކު މަރުން ސަލާމަތްކޮށްފައިވާ "ހީރޯ" އެކެވެ.

މީގެ 10 އަހަރު ކުރިން މުމްބައިގެ ވޯލީގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވި އަންހެން ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދީގެން މުމްބައި ފުލުހުން ޗޭތަން އަށް އެކަމުގެ ޚާއްސަ ލިޔުމެއް ވެސް ދީފައި ވެއެވެ. އަދި އޭގެ ފަހުން 2016ގައި މުމްބައި-ވޯލީ ސީ ލިންކުގައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނު މީހެއްގެ ފުރާނަ ޗޭތަން ސަލާމަތްކޮށްދީފައި ވެއެވެ. މިކަން ގިނަ ބަޔަކަށް އެނގުނީ ވެސް މި މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖެއް އިންޓަނެޓުގައި އާއްމު ވުމުންނެވެ.

މިދިޔަ ބުދަ ދުވަހު އޭނާ، ސީ ލިންކް އަށް ދިޔައީ ވެސް ބާރު ސްޕީޑުގައި ދުއްވި ކާރެއް ހިނގާފައި ދިޔަ މީހުން ތަކެއްގެ ގައިގައި ޖެހި އެކްސިޑެންޓްވީ ޚަބަރު ލިބިގެން އެމީހުންނަށް އެހީތެރިވާށެވެ. އޭނާއަކީ މިފަދަ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް އެހީތެރިވުމަށް ނޮން-ޕްރޮފިޓް އޮގަނައިޒޭޝަނެއް އުފައްދައިގެން އުޅޭ މީހެކެވެ. މި އޮގަނައިޒޭޝަނުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުން އެމްބިއުލާންސްތަކުގައި ހިލޭ ހޮސްޕިޓަލުތަކަށް ގެންގޮސް ދިނުން ހިމެނެ އެވެ.

ޗޭތަން ގޮސް އެމީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި މަގުމަތީގައި އުޅެނިކޮށް ބާރު ސްޕީޑުގައި އައި އެހެން ކާރެއް އޭނާ އާއި އޭނާއާއެކު ތިބި ގްރޫޕެއްގެ އެހެން ބައެއް މީހުންގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓްގައި ޗޭތަން އާއި އޭނާގެ ގްރޫޕްގެ ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ޗޭތަން އާއެކު މަސައްކަތްކުރި ގިނަ ބަޔަކު ބުނާ ގޮތުގައި އޭނާއަކީ ސީ ލިންކް ބްރިޖުން ކަނޑަށް ފުންމާލައިގެން އަމިއްލައަށް މަރުވާން މަސައްކަތްކުރާ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކޮށްދީފައިވާ އެ މަސައްކަތަށް ވަރަށް ކުޅަދާނަ މީހެކެވެ. އަދި އޭނާއަކީ އެކްސިޑެންޓްތަކުގައި ހަލާކުވެފައިވާ ވެހިކަލްތަކުގެ ތެރޭގައި ތާށިވެފައި ތިބޭ މީހުން ސަލާމަތްކުރުމުގެ ތަޖުރިބާކާރެއް ވެސް މެއެވެ. ނަމަވެސް އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން އަދި ކުރުމުގެ މަސައްކަތުގައި އުޅުނު ޗޭތަން ވަނީ އެ މަސައްކަތުގައި އުޅެނިކޮށް މި ދުނިޔެ ދޫކޮށްފަ އެވެ.