ފޮރިން މިނިސްޓްރީ

ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތް: ޝާހިދު

ރާއްޖޭގައި ދަނޑުވެރިކަން ކުރާނެ އެކަށީގެންވާ ބިން ނެތުމާ ގުޅިގެން އިމްޕޯޓަށް ބަރޯސާވާން ޖެހިފައިވާތީ ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފުޑް ސެކިއުރިޓީ ކޮމިޓީގެ 50 ވަނަ ހުޅުވާލެވިފައިވާ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ކުރި އަސަރުތަކުގެ އިތުރުން ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވެފައިވާ އެހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ހީނަރުކަމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަގީންކަން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. މިފަދަ ހާލަތެއްގައި ދުނިޔެ އޮތްއިރު ރާއްޖެއަކީ ދަނޑުވެރިކަމަށް އެކަށީގެންވާ ބޮޑެތި ބިންތައް ނެތި، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބަރޯސާވެފައިވާ ގައުމަކަށްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ވެސް ވިދާޅުވި އެވެ.

"ކުރު މުއްދަތުގައި އަގުތައް ހަމައަކަށް އަޅުވައި، ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކޮށް އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް. ދިގު މުއްދަތުގައި އެންމެން ގުޅިގެން ދަނޑުވެރިކަމުގެ އާދަކާދަތަކާއި، ކާބޯތަކެތީގެ ނިޒާމުތައް މިހާރަށް ވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި، ގިނަ ބައެއްގެ ބައިވެރިވުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ މައްސަލައަށް ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާ ކަމަށް ގަބޫލުކުރެވޭތީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާ ގުޅޭގޮތުން މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގެ ސަބަބުން މެންބަރު ގައުމުތަކާއި، މަދަނީ ޖަމާއަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި، ކަމާބެހޭ އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ ފެންވަރުގައި ސިޔާސަތުތައް އެކަށައަޅައި އަމަލުކުރާނެ ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެން ދިޔަ ކަމުގައިވެސް ވިދާޅުވި އެވެ.

އާ އަޒުމަކާއެކު ދުނިޔޭގެ ކާބޯތަކެތީގެ ނުތަނަވަސްކަން ކުޑަކޮށް ބާކީ ހުރި ހުރިހާ ގޮންޖެހުންތަކެއް ހައްލުކުރަން މަސައްކަތް ކުރަން މިއީ މުހިއްމު ވަގުތެއް ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ތަފާތު މައްސަލަތައް ކުރިމަތިވަމުންދާއިރު ރާއްޖެ އަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ބަދަލުވުމަކީ މިހާރު އަމާޒެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިކަން ކާމިޔާބު ކުރެވޭނީ މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެން. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ކޮންޓްރޯލްކޮށް އެބަދަލުތައް ރައްދުދިނުމަށް މުޅި ދުނިޔެ އެކުގައި މަސައްކަތް ކޮށްގެން" ޝާހިދު ވިދާޅުވި އެވެ.