މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ނުވަ ކުއްޖެއްގެ ބެލެނިވެރިކަން ބަޔަކާ ހަވާލުކޮށްފި

މިއަހަރުގެ މިހާތަނަށް ނުވަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން އެކި މީހުންނާ ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 2020 ވަނަ އަހަރު އެއް ކުއްޖަކު، މިދިޔަ އަހަރު ތިން ކުއްޖަކު އަދި މިއަހަރުގެ މިހާތަނަށް ނުވަ ކުއްޖަކާ އެކު މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 13 ކުއްޖެއްގެ ބެލެނިވެރިކަން އެކި މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިއަހަރުގެ މިހާތަނަށް 34 ކުއްޖަކު އަނބުރާ އެކުދިންގެ އާއިލާތަކާ ހަވާލުވެސް ކޮށްފައިވެ އެވެ. މިކުދިންގެ ތެރޭގައި މިއަހަރު ދައުލަތަށް ނެގި 11 ކުދިންގެ ތެރެއިން އަށް ކުއްޖަކުވެސް ހިމެނެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ އެކުދިންނަށް އާއިލާގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން އެކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށެވެ. ރައްކާތެރި މާހައުލެއް ނެތިގެން ދައުލަތަށް ނެގި ބައެއް ކުދިން އަލުން އައިލާތަކާއި ހަވާލުކުރަނީ އެ ކުދިންނަށް ރައްކާތެރި މާހައުލެއް ލިބޭނެކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިހާރު ގެންގުޅޭ އުސޫލުގެ ދަށުން ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ ސިޔާސަތު ދޫކޮށްލައި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު މިފަދަ ކުދިންނަކީ އާއިލާއާއި މުޖުތަމައުގެ އަޅާލުން ލިބިގެން ބޮޑެތިވާ ކުދިންނަށް ހެދުމަށް އާއިލާތަކާ ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިވަގުތު ތިބި 13 އަހަރުން ދަށުގެ 90 ކުދިންނާ އެކު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 186 ކުދިން އެބަ ތިއްބެވެ.