ރިޕޯޓް

ކަޅުވަކަރު މިސްކިތް: ހިޖުރަކުރާ މިސްކިތެއް

Jan 16, 2016

މިހާރު މާލޭގެ ސަލްޓަންޕާކް ތެރޭގައި ހުރި ކުޑަކުޑަ މިސްކިތަކީ ދިގު ތާރީހެއް އޮތް، އެ މިސްކިތާ ގުޅޭ ގިނަ ވާހަކަތައް ހުރި މިސްކިތެވެ. ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ރީތި ހައިރާންކުރުވަނިވި ކަންތައްތަކެއް ހުރި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައި އެތައް ކަވި މަސައްކަތްތަކެއް ކޮށްފައިވާއިރު ޔޫރަޕްގެ އާކިޓެކްޓުންނާއި އިންޑިޔާގެ ތާރީހު އިލްމުވެރިން މި ވައްތަރުގެ މިސްކިތްތަކުގެ ސިފަ ބަޔާންކޮށް އުޅެނީ "މިނެޗުއާ މޯގަލް އާކިޓެކްޓް" ގެ ގޮތުގަ އެވެ. "މިނެޗުއާ މޯގަލް އާކިޓެކްޓް" މިސްކިތްތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ސަގާފަތް ފެތުރިގެން އައިއިރު ވަރަށް ބިޔަކޮށް ބިނާކުރެވުނު ފަދަ މިސްކިތްތަކެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ މިސްކިތްތައް ބިނާކޮށްފައި ހުރީ ވަރަށް ކުދިކޮށެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައިހުރި ހަމައެކަނި މިސްކިތެކެވެ. މިސްކިތް ހަދާފައިހުރި ގޮތުން މިސްކިތް އެހެން ތަނަކަށް ބަދަލުކުރަން ޖެހުނުނަމަ ވެސް މިސްކިތުގެ ރޭވުމަށާއި ވަޑާމަށް ބަދަލެއް ނާދެއެވެ. ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ.

ގިނަ ބަޔަކު ހިތްފަސޭހަކޮށްލުމަށްދާ ސަލްޓަންޕާކް ތެރޭގައި އެ މިސްކިތް މިހާރު ހުރި ނަމަވެސް އެއީ އެ މިސްކިތުގެ އަސްލެއް ނޫނެވެ. ކަޅުވަކަރު މިސްކިތް މާލޭގެ އެކި ސަރަހައްދުތަކުގައި މީގެކުރިން ހުރިއިރު މާލެއިން ބޭރުގައި ވެސް މި މިސްކިތް އެއްއިރެއްގައި ހުއްޓެވެ. ބުނެވޭ ގޮތުގައި މި މިސްކިތް އެއް އިރެއްގައި ޗާންދަނީ މަގުގެ އިރުމަތީ ފަޅިން ކޮންމެވެސް ހިސާބެއްގައި ހުއްޓެވެ. އަދި މަޖީދީ މަގު ދެކުނު ފަޅިން މައްޗަންގޮޅިއަށް ވާ ގޮތަށް ކޮންމެވެސް ހިސާބެއްގައި ވެސް ކަޅުވަކަރު މިސްކިތް ހުރި ކަމަށްވެއެވެ. ނަމަވެސް މިކަން ތާރީހުން އެނގޭކަށް ނެތެވެ. މިއީ ދެކެވޭ ވާހަކަތަކެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި ކަޅުވަކަރު މިސްކިތް ހުރީ މަޖީދީ މަގާއި ކަރަންކާ މަގާ އިންވެގެން ހުޅަނގު އުތުރު ކަންމަތީގަ އެވެ. އެއަށްފަހު މިސްކިތް ހުރީ މިހާރު ގަލޮޅު ރަސްމީދަނޑު ކައިރީގައި ހުންނަ މަސްޖިދުލް ސުލްތޯނުލް އާދިލް މިސްކިތް (މަޖީދީމަގު ދެ ބުރި މިސްކިތް) ހުންނަ ތަނުގައެވެ.

މަޖީދީމަގު ދެ ބުރި މިސްކިތް ބިނާކުރުމަށް ކަޅުވަކަރު މިސްކިތް އެތަނުން ނަގައި، މިސްކިތް ބަދަލުކުރީ ފުރަނަ ރިސޯޓަށެވެ. ކަޅުވަކަރު މިސްކިތް އެ ރިސޯޓަށް ގެންދިޔައީ އޯގަސްޓް ،8 1978 ގައެވެ. ކަޅުވަކަރު މިސްކިތް މިހާރު ހުރިތަން ކަމަށްވާ ސަލްޓަން ޕާކްގެ އިރު ދެކުނު ކަނުގައި ކަޅުވަކަރު މިސްކިތް ދާއިމީވީ 1980 ވަނަ އަހަރުއެވެ. އެއީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް ކަޅުވަކަރު މިސްކިތް އެހެން ތަނަކަށް ބަދަލުވުމަށް ވަނީ ތައްޔާރުވެފައެވެ. ހުޅުމާލޭގައި ހަދާ ހެރިޓޭޖް އައިލެންޑަށެވެ. މިސްކިތް މިހާރު ވަނީ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބަންދު ވެސް ކޮށްފައެވެ.

ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ މި ކުޑަ މިސްކިތުގެ ތާރީހުގައި ވަރަށް އާދަޔާ ހިލާފު ކަމެއް ވެސް ހިނގާފައިވެއެވެ. އެއީ ރާއްޖޭގެ ދެވަނަ ރައީސް އިބްރާހިމް ނާސިރު މި މިސްކިތް ނީލަން ކިޔުމެވެ. މިސްކިތް ނީލަމުން ގަނެފައިވަނީ އޮސްޓްރޭލިއާގެ މަހުޖަނެއް ކަމަށްވާ ފުރަނަފުށި ރިސޯޓް، މިހާރުގެ ފުލްމޫން ބީޗު ރިސޯޓު، އޭރު ހިންގަމުން އައި ޓްރެޝާ އައިލަންޑް އެންޓަޕްރައިސަސްގެ ވެރިޔާ ވޭން ރީޑެވެ. އޭނާ މިސްކިތް ގަތީ 9،715.26 ރުފިޔާއަށެވެ.

މަޖީދީ މަގުގައި ހުއްޓާ ނާސިރުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް އުވާލުމަށްފަހު ނީލަން ކިޔާފައިވަނީ އޮކްޓޫބަރު ،1 1978 ގަ އެވެ. އެއަށްފަހު މިސްކިތް ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ. ނީލަމުން މިސްކިތް ގަތުމަށްފަހު ރީޑް އަދި އޭނާ އަންހެނުން މިސިޒް ރީޑް ކަޅުވަކަރު މިސްކިތް ފުރަނަ ފުށީގައި ނަމާދުކުރެވޭ ގޮތަށް ރާވައި ބެހެއްޓިއެވެ. އެ ދެމަފިރިން މިސްކިތަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ކަމަށްވެއެވެ.

ރައީސް ނާސިރުގެ ވެރިކަން ނިމި، ރައީސް މައުމޫންގެ ދައުރު ފެށުމާއެކު ރައީސް މައުމޫން ވިދާޅުވެފައިވަނީ، މިސްކިތް ނީލަން ކިޔުމަކީ ހަމަޖެހޭ ކަމެއް ކަމަށް ސަރުކާރަށް ނުފެންނަ ކަމަށެވެ. ބަދަލުދިނުމަށްފަހު ކަޅުވަކަރު މިސްކިތް އަނބުރާ ސަރުކާރަށް ރައްދުކޮށްދިނުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ. ބަދަލެއް ދިނުމަށް ފަހު މިސްކިތް އެ ރަށުން ގެންނަން ނިންމުމުން ރީޑް ބޭނުންވީ ސަރުކާރަށް އެމިސްކިތް ހަދިޔާކުރުމަށެވެ. އެގޮތުން ކަޅުވަކަރު މިސްކިތް ފެބްރުއަރީ ،22 1979 ގައި ހަވާލުކުރެއްވީ އޭރުގެ މިނިސްޓަ އޮފް އެކްސްޓާނަލް އެފެއާޒު ފަތުހުﷲ ޖަމީލާ އެވެ.

ކަޅުވަކަރު މިސްކިތުގައި ހަލާކުވެފައި ހުރި ލަކުޑިތައް ބަދަލުކޮށް މިސްކިތުގެ އާބާތުރަ ފިލުވައި އަދި ގިނަ ދުވަހަށް ހިމާޔަތްކުރެވޭނެ ފަރުވާ ދިނުމަށް ފަހު ކަޅުވަކަރު މިސްކިތް އަލުން ހުޅުއްވައި ދެއްވީ އޭޕްރީލް ،19 2009 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.

ގިނަ ވާހަކަތަކެއް އެކުލެވޭ ކަޅުވަކަރު މިސްކިތް ވެގެންދާނީ، އެހެން ކުރީގެ ތިން ރައީސުންނަށް ވެސް އެ މިސްކިތެއް ހާއްސަވި ފަދައިން މިހާރު ރައީސް އަބްދުﷲ ޔާމީންއަށް ވެސް ހާއްސަ މިސްކިތަކަށެވެ. އެމަނިކުފާނުގެ ބިޔަ ޕްރޮޖެކް ކަމަށްވާ ހުޅުމާލޭގެ ދަވަނަ ފިޔަވަހީގައި ބިނާކުރާ އެންމެ ފުރަތަމަ ބިނާއަކަށް ވެގެންދާނީ ކަޅުވަކަރު މިސްކިތެވެ.