ކްރިމިނަލް ކޯޓް

ވަކީލަކު ހަމަޖައްސަން ޝައިހް ނިޝާނާއި ފަޒްލޫނަށް 10 ދުވަސް

Oct 17, 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހަރަކާތްތައް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހިންގާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒުލޫން މުހައްމަދާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ނިޝާނާއި ޝައިހް ފަޒްލޫނަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޝަރީއަތުގެ މިއަދު އަޑުއެހުމަށް ދެ އިލްމުވެރިން ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އަދި މައްސަލައިގެ ލިޔުންތައް ލިބިފައިވާތީ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ވަކީލަކު ހަމަޖައްސަން ދެ ބޭފުޅުންނަށް ވެސް 10 ދުވަސް ދީފަ އެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުން ވަނީ 19 މީހުންނަށް އެކި ދައުވާތައް އުފުލާފަ އެވެ. ދައުވާ ލިބޭ މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެ އެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ދެ ޝައިހުންނާއި މުހައްމަދު އިސްމާއިލް ހިމެނޭ ގޮތަށް 19 އަށް ވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާކުރެވޭ ވަރަށް ހެކި ހުރި މީހުންނަށް ދައުލަތުން ދައުވާކޮށްފައިވާތީ ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފަ އެވެ.

ގަލޮޅު ދަނޑުގައި ހިނގި ފަދަ އިތުރު ހަމަނުޖެހުމެއް ހިންގަން ފުރުސަތު ނުދިނުމުގެ ގޮތުން 39 ކަމެއް އިސްލާހުކުރުމަށް ރައީސް އޮފީހުން މިހާރު ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގާފަ އެވެ.