ކްރިމިނަލް ކޯޓް

ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނެގުމުން އަދަބަކަށް 39،000 ރުފިޔާގެ ޖޫރިމަނާއެއް

Oct 18, 2022

ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރި ހަލާކުކޮށްލައިގެން 199،090 ރުފިޔާ ވަގަށް ނެގި މީހަކު ކުރި ވައްކަމަށް ވުރެ ކުޑަ އަދަބެއް ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ނިލަންދޫ ތިޖުރި ހަލާކުކޮށްލައި ފައިސާތައް ވަގަށް ނެގީ ޑިސެމްބަރު 29، 2016 ގައެވެ. މައްސަލަ ނިމި ހުކުމްކޮށްފައި މިވަނީ ހާދިސާ ހިނގިތާ ހަ އަހަރު ވަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.

ތިޖޫރީގައި ހުރި ފައިސާ ވަގަށް ނެގީ ނިލަންދޫ ސުކޫލުގެ ޕްރިންސިޕަލްގެ ކޮޓަރީގައި ތިޖޫރި ހުއްޓާ ދަންވަރުގެ ވަގުތުގައި އެ ކޮޓަރީގެ ކުޑަދޮރުގައި ޖަހާފައި ހުރި ދަގަނޑުތަކެއް މަތާލައި ކުޑަދޮރުން އެތެރެއަށް ވަދެގެންނެވެ.

ދައުލަތުން މިމައްސަލައިގައި ދައުވާ އުފުލީ ގއ. ނިލަންދޫ އަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އެ ރަށު ދިހްޝާނާވިލާ އަލީ ޝާކިރާއި، ފޫޅުމާގެ ޝިމާއު އަހްމަދުގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ތިން ދައުވާ އުފުލާފައިވެ އެވެ. އެއީ ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާތަކަށް އަލީ ޝާކިރު އިއުތިރާފްވުމުން އޭނާގެ މައްސަލަ ނިންމީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އެގޮތުން ވައްކަމުގެ މައްސަލައިގައި އޭނާއަށް ހުކުމްކުރީ 23،600 ރުފިޔާއިން ޖޫރިމަނާ ކޮށް ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާ އަށް ފައިސާ ދެއްކުމަށެވެ. ހުއްދަ ނޫން ތަނަކަށް ވަނުމުގެ އަދަބެއްގެ ގޮތުގައި އޭނާ ޖޫރިމަނާކުރީ 5،400 ރުފިޔާ އިންނެވެ. ޖޫރިމަނާ ފައިސާ އެއް މަސް ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި 10،800 ރުފިޔާ އިން އޭނާ ޖޫރިމަނާކުރުމަށާއި ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ފައިސާ ދެއްކުމަށްވެސް ހުކުމްކުރި އެވެ.

އަލީ ޝާކިރަށް ކުރި ތިން ދައުވާއަށް ވެސް އަދަބެއްގެ ގޮތުގައި ޖަލަށްލުމަށް ހުކުމްކުރުމުގެ ފުރުސަތު ގާޒީއަށް އޮތެވެ. ނަމަވެސް އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރީ ލުއި އަދަބެެއް ދިނުމަށް ޝާކިރު ހުށަހެޅުމާ ގުޅިގެންނާއި، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި، އޭނާގެ ބަލަންޖެހޭ ބަޔަކު ތިބުމާއި އަދި ޖޫރިމަނާ ދެއްކުމުގެ ގާބިލްކަން ހުރުމުން އެކަން ކަމަށް ރިއާޔަތްކުރައްވާ އަދަބު ލުއިކޮށްދިނުމަށް ގާޒީއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ދައުވާތަކަށް އިންކާރު ކުރުމުން ޝިމާއު އަހްމަދަށް ކުރާ ދައުވާތައް ވަކި ގަޒިއްޔާއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް މައްސަލަ ބައްލެވި ގާޒީ މުހައްމަދު މިސްބާހް ވަނީ ނިންމަވާފަ އެވެ.