ސީރިޔާ

ސީރިއާ ސުންނާފަތިކޮށްލުމުން ހުރިހާ ދެރައެއް ކުޑަކުދިންނަށް

ސީރިއާގައި 2011 ވަނަ އަހަރު ފެށިގެން ދިޔަ ދާހިލީ ހަމަނުޖެހުންތަކާ އެކު މުޅި ގައުމު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ. އެކި ނަންނަމުގައި ހަނގުރާމަވެރި ގުރޫޕްތައް އުފެދި އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރަމުން ދިޔައީ ހައްގު ގޮތުގައި ތިބީ ހަމައެކަނި ބަޔަކީ އެބަޔަކު ކަމުގައި ބުނަމުންނެވެ. ހަނގުރާމަވެރި ގުރޫޕްތައް ކޯޅިކޯޅި ތިއްބާ މުޅި ދުނިޔެ ސިއްސުވާލައި އާރާއި ބާރުގަދަކޮށް ސީރިއާގެ ހަނގުރާމައިގައި ބައިވެރިވި އެންމެ ވަރުގަދަ ހަނގުރާމަވެރި ގުރޫޕަށް އައިއެސް ވެގެންދިއުމަކީ މުޅި ދުނިޔޭގެ ނަޒަރު އެކަމަކަށް ހުއްޓުނު ކަމެކެވެ.

އައިއެސްގެ ކަޅު ކުލައިގެ ދިދައިގާ ހުދު އަކުރުން ލިޔެވިފައި އޮތީ ޝަހާދަތުގެ ކަލިމަ އެވެ. އެމީހުންގެ ނިޝާނެއް ކަމުގައި ބޭނުން ކުރަމުން ގެންދިޔައީ ރަސޫލާގެ ސިއްކަފުޅެވެ. މުޅި އިސްލާމި އުންމަތަށްޓަކައި ހަނގުރާމަ ކުރާ ބަޔަކު ކަމުގައި ބުނެ ހުރިހާ އިސްލާމުންނަށް ދައުވަތު ދިނީ އެމީހުންގެ ހިލާފަތުގެ ނިވަލަށް އައުމަށެވެ. އަދި އިސްލާމީ މި ދައުލަތުގެ ޚަލީފާއެއް ކަމުގައި ތެދުވީ އަބޫ ބަކްރް އަލް ބަޣްދާދީ އެވެ.

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކިން ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގެ ވަކިތަކުގެ ދަށުވެފައި ނިކަމެތިވެފައި ތިބި ބައެއް މުސްލިމުން އެކަމާ އޭރު އުފާކުރި އެވެ. އެމީހުންނަށްޓަކައި ޝަހީދުވާން ތިބި އިސްލާމީ ލަޝްކަރެއް ތެދުވެ ތިބި ކަމަށް ބަލައިގެންނެވެ. ޝަހާދަތުގެ ކަލިމަ މުޅި ދުނިޔޭގައި ގުގުމާލި ކަމަށް ބަލައިގެންނެވެ. އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް އަމިއްލަ ޖާނާއިގެން އެއްބަޔަކު އަދި އަނބިދަރީން ގޮވައިގެން ދެވޭނެ މުއްސަނދިކަމެއް ލިބިފައިވާ މީހުން އެމީހުންގެ އާއިލާ ގޮވައިގެން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން ދިޔައީ ޝަހީދުވުމުގެ ނިޔަތުގައި "ޖިހާދު" ކުރާށެވެ. އިސްލާމީ ޚިލާފަތުގެ ނިވަލަށް ދިއުމަށްޓަކައެވެ.

ދުނިޔޭގެ ބޮޑެތި ހުރިހާ ބާރަކާއި އަދި ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔަ އެކި ޖަމާއަތްތަކާއި ދެކޮޅަށް އައިއެސް އިން ހަނގުރާމަކޮށް ބޮޑު ބައްޔަކުން ބަލިވިއިރު މިއަދު ސީރިއާ ހަނގުރާމައިގައި އެންމެ ބޮޑު އަގެއް އަދާކުރަން ޖެހިފައިވަނީ މައުސޫމު ކުޑަކުދިންނަށެވެ. މައިން ބަފައިން މަރުވެ ޔަތީމުވެފައި ތިބި މިކުދިންނަކީ އެއްވެސް ގައުމަކުން ހަވާލުވާން ދެކޮޅު ހަދާ ކުދިންތަކެކެވެ. އުމުރުން 10-12 އަހަރުގެ ކުދިންނަށް އެމީހުންގެ އަމިއްލަ ވަޒަނެއް ވާކަން އަދި އާއިލާއެއް އޮތް ކަން ހަނދާން އެބަހުއްޓެވެ. އެކަމަކު އެކުދިންނަށް އަޅާލާނެ ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް މީހަކު ނެތެވެ.

ސީރިއާގެ އިރު އުތުރުގައި ހަދާފައިވާ ރެފިއުޖީ ކޭމްޕްތަކުގައި 60 ގައުމަކަށް ނިސްބަތްވާ 7،300 ކުޑަކުދިން އެބަތިއްބެވެ. 60،000 މީހުންގެ އާބާދީއެއް އޮތް އަލް ޙަވްލް އަދި ރޮޖް ކޭމްޕް ތަކަކީ އިންސާނުން އުޅެން އެކަށީގެންވާ ތަންތަނެއް ނޫނެވެ. ސިއްހީ ފަރުވާއެއް ތައުލީމެއް ސާފުތާހިރުކަމެއް އަދި ރައްކާތެރިކަމެއް ވެސް މި ކޭމްޕް ތަކުގައެއް ނުވެ އެވެ. ފިނި މޫސުމުގައި ފިންޏަށް ކެތްނުކުރެވި މައިމީހާގެ އަތްމައްޗަށް އެތައް ތުއްތު ފުރާނައެއް ދަނީ މިދުނިޔެ ދޫކުރަމުންނެވެ. ބަނޑުހައި ހޫނުކަމުގެ އިންތިހާ ދަރަޖަ ތަހައްމަލު ކުރަންޖެހޭ މި ކުޑަކުދިންނާއި އާއިލާތަކަކީ ހަމަ މިއުންމަތުގެ މުސްލިމުންނެވެ. މިދިޔަ އަހަރު މިކޭމްޕް ތަކުގައި 74 ކުދިން ވަނީ މަރުވެފަ އެވެ. މީގެތެރެއިން 8 ކުއްޖަކު ވަނީ ރަހުމުކުޑަ ގޮތަކަށް މަރާލެވިފަ އެވެ. މި ކޭމްޕްތަކުގެ 55 އިންސައްތަ މީހުންނަކީ 12 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މިކޭމްޕްތަކުގައި މިނިވަންކަން ނެތް މިންވަރު ހާމަކޮށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ވަނީ މި ކޭމްޕްތައް ޖަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި އެންމެ ހާލުގައި ޖެހިފައިވަނީ އައިއެސް ޖަމާއަތުގައި ހަނގުރާމަކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ އާއިލާތަކެވެ. އެއީ ފިރިން މަރުވެ ދަރިންނާއި އެކު ހާލުގައި ޖެހިފައިވާ އަންހެނުންނާއި މައިންބަފައިން މަރުވެފައި ތިބި ޔަތީމު ކުދިންނެވެ. "ގުއަންޓަނަމޯ ފޯ ޗިލްޑްރެން"ގެ ގޮތުގައި މިކުދިންގެ ހާލަތު ސިފަކޮށް ރައިޓްސް އެންޑް ސެކިއުރިޓީ އިންޓަނޭޝަނަލް (އާރްއެސްއައި) އިން ވަނީ 2020 ވަނަ އަހަރު ރިޕޯޓެއް ތައްޔާރުކޮށް ޔޫރަޕްގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މި ކޭމްޕްތަކުގައި ތިބި އައިއެސް އަށް ނިސްބަތްވާ ކަމަށް ބެލެވޭ އާއިލާތަކާ މެދު ސީރިއާ ސިފައިން ކަންތައްތައް ކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބެލެވޭ ފެންވަރަށް ކަމަށް އާރްއެސްއައި އިން ވަނީ ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތަކަށް ޖަވާބުދާރީވަމުން އިރު އުތުރު ސީރިއާގެ ކުރުދިޝް އެޑްމިނިސްޓްރޭޝަންގެ ފޮރިން އެފެއާޒް އޮފީހުގެ ތަރުޖަމާން އަބްދުލްކަރީމް އޮމަރް ބުނެފައިވަނީ އެމީހުން ކުރާ ކަމަކީ ރައްކާތެރިކަމެއް ހޯދައިދިނުން ކަމަށެވެ.

"އަހަރުމެންގެ ހަމައެކަނި ޒިންމާއަކީ އަލް ހަވްލް އަދި ރޮޖް ކޭމްޕްތަކުގައި ތިބި އެތައް ހާސް އައިއެސް ހަނގުރާމަވެރިންނަށް ނިސްބަތްވާ އާއިލާ ތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން. ނަމަވެސް މިއީ އަހަރުމެންނަށް ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެއް. ސަބަބަކީ އަހަރުމެން އަތުގައި އެ ވަސީލަތްތަކެއް ފައިސާއެއް ނެތް. އަދި މިއީ ބައިނަލްއަގްވާމީ މުޖުތަމައުން އަހަރުމެންނަށް މިތާ ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން އެމީހުންގެ ގައުމުތަކަށް ފޮނުވަން އެއްބާރުލުން ނުދޭތީ އުފެދިފައިވާ ހާލަތެއް،" ކަރީމް ބުންޏެވެ.

މެޑިސިންސް ސަން ފްރޮންޓިއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުން 2019 ވަނަ އަހަރު އަލް ހަވްލް ކޭމްޕްގައި 371 ކުޑަކުދިން ވަނީ މަރުވެފަ އެވެ. އަދި މިއީ ހައިހޫނުކަމާއި، ސާފު ފެން ނުލިބުމާއި، ފިނި މޫސުމުގައި ނިއުމޯނިއާ ޖެހިގެން އަދި ކޭމްޕްގައި ހިނގާ ހަމަނުޖެހުންތަކުގައި އާއި އަލިފާނުގެ ހާދިސާ ތަކުގައި މަރުވި ކުޑަކުދިން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ރައިޓްސް އެންޑް ސެކިއުރިޓީ އިންޓަނޭޝަނަލްގެ ޔާސްމިން އަހްމަދު ސިފަ ކުރައްވާ ގޮތުގައި ސްޓްރެޓެޖިކް ޕޮލިސީއެއްގެ ގޮތުގައި ކުޑަކުދިންތަކެއް ޑިޓެންޝަން ކޭމްޕްތަކުގައި މަރުވާން ދޫކޮށްލުމަކީ އިންސާނިއްޔަތާއި މުޅިން ހިލާފު ކަމެކެވެ.

ދިވެހިރާއްޖޭގެ ބައެއް ކުދިންވެސް ސީރިއާގެ ކޭމްޕްތަކުގައި ތާށިވެފައި އެބަތިއްބެވެ. ބައެއް ކުދިން އުފަންވެފައިވަނީ ދިވެހި މައިންބަފައިންނަށް ކަމަށް ވިޔަސް އުފަންވީ ސީރިއާގަ އެވެ. މަންމަ އަދި ބައްޕަ މަރުވެ ޔަތީމުންގެ ގޮތުގައިވެސް ބައެއް ކުދިން ތިބި ކަމަށްވެ އެެވެ. ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ނަމަ ދިވެއްސަކަށް ލިބޭ ދަރިންނަކީ ދިވެހި ރައްޔިތުންނެވެ. އދ.ގެ ކޮމިޝަނާ އޮފް ރެފިއުޖީސް އާއި ގުޅިގެން ދިވެހި ކުދިން ރާއްޖެއަށް އަނބުރާ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި ރާއްޖެ ގެނެއުމުގެ ކުރިން އެކުވެރި ގައުމެއްގައި އެމީހުން ރިހިބިލިޓޭޓް ކުރެވޭނެ ކަމުގައިވެސް އޭރު ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް ދިވެއްސެއް ރާއްޖެ އަނބުރާ ގެނެވުނު ކަމެއް ނުވަތަ ސީރިއާގެ ކޭމްޕުން ސަލާމަތްކުރެވުނު ކަމެއް ޔަގީންކޮށްދީފައެއް ނުވެ އެވެ. އަދި ޔަތީމުވެފައި ތިބި ކުދިން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ކެނޑި ނޭޅި ކުރާ އާދޭސްތަކަށް އެދެވޭ ޖަވާބެއް ވެސް ދީފައެއް ނުވެ އެވެ. މިކަމުގެ ފޯކަލް ޕޮއިންޓަކީ ކޮން ފަރާތެއް ކަމެއް އަދި މިކަމުގައި ބައިވެރިވަނީ ރާއްޖޭގެ ކޮން އިދާރާތަކެއް ކަމެއްވެސް ނުބުނެ އެވެ.