އާސަންދަ

އާސަންދައިގެ ކަސްޓަމާ ސާވިސް އޮފީސް ފެން ބިލްޑިންއަށް ބަދަލުކޮށްފި

Oct 19, 2022

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގަމުން ދިޔަ އާސަންދަ ކުންފުނީގެ ކަސްޓަމާ ސާވިސް އޮފީސް ފެން ބިލްޑިންއަށް ބަދަލުކޮށްފި އެވެ.

އާސަންދަ ކުންފުނިން ބުނީ އެ ކުންފުނިން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިންވަނަ ފަންގިފިލާގައި ހިންގަމުން ގެންދިޔަ ކަސްޓަމާ ސާވިސް އޮފީސް މިއަދުން ފެށިގެން ފެން ބިލްޑިންގެ ތިންވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އާސަންދަ ކުންފުނީގެ ހެޑް އޮފީސް ވެސް ހިންގަނީ އަމީނީ މަގަށްވާ ގޮތަށް ހުންނަ ފެން ބިލްޑިންގަ އެވެ.

އާސަންދަ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުން ހިދުމަތް ދެނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ހޮނިހިރު ދުވަހު ހިދުމަތް ދެނީ ހެނދުނު 09:00 އިން މެންދުރު 1:00 އަށެވެ


އެމަޖެންސީކޮށް ކުރަންޖެހޭ މުއާމަލާތްތަކާ ގުޅޭ ލިޔުންތައް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމުގައިވެސް އާސަންދަ ކުންފުނިން ބުނެ އެވެ.

އާސަންދަ ކުންފުނި 2011 ވަނަ އަހަރު އުފެއްދީ ދިވެހިންގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބެލެހެއްޓުމަށެވެ.

އާސަންދަ އަށް ހަރަދު ކުރަން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 730.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ޖޫން ފެށުމާ ހަމައަށް އާސަންދައިން 874.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނިޔަލަށް އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރާނެ އެވެ.