ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކޮށްފައިވަނީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހެވެ.
ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ޒުވާނުންނަށް ފޮނުއްވާފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތްތައް ހަމަޖައްސައިދީ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތައް ހަދައިދީ، ކުޅިވަރު ކުޅޭނެ ދަނޑުތައް ވެސް ހަދައިދިނުމާ އެކު އެސްްއެމްްއި ލޯނުތައް ތައާރަފްކޮށްފައިވާނެ ކަމަށެވެ.
"[މިކަންކަންކުރީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް،" ރައީސް ވިދާޅުވެފައިވެ އެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު 22 ވަނަ ދުވަހަކީ ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް ސޯލިހް ނިންމެވީ ޑިސެމްބަރު 17، 2019ގައެވެ.
މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީހު އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.