ދުނިޔެ

ދެކޮރެއާ ދެމެދުގައި ކަނޑުމަތިން ހަމަލާ ބަދަލުކޮށްފި

ދެކުނު ކޮރެއާގެ މެރިޓައިމް ބޯޑަރު ހުރަސްކޮށް ކަނޑުމަގުން ވަންނަން މަސައްކަތް ކުރި އުތުރު ކޮރާގެ އުޅަނދެއް ހުއްޓުވަމަށް އިންޒާރީ ހަމަލާތަކެއް ދެވިފައިވާ ކަމަށް ދެކުނު ކޮރެެއާ އިން ބުނެފި އެވެ.

ބަދަލު ހަމަލާތަކަކުން ދެކުނު ކޮރެއާ ސިއްސުވާލާފައިވާނެ ކަމަށް އުތުރު ކޮރެއާ ބުނާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން އުތުރު ކޮރެއާއިން ހަމަލާދިނީ ރޮކެޓުންނެވެ. އުތުރުން ބުނާ ގޮތުން ދެކުނުން ހަމަލާ ދިނީ ވެސް ރޮކެޓުންނެވެ.

އުތުރު ކޮރެއާއިން ހަމަލާތައް ދިނީ ދެކުނު ކޮރެއާގެ އިންޒާރީ ޝޮޓްތަކަށްފަހު ދޮޅު ގަޑިއިރު ވެސް ނުވަނީސް ކަމަށް ހަބަރުތައް ބުނެ އެވެ.

އުތުރު ކޮރެއާއިން ރޮކެޓް ލޯންޗަރަކުން ދިހަ ވަރަކަށް ހަމަލާ ފޮނުވާލި ކަމަށްވެސް ރޮއިޓާސް ބުނެ އެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ވިދާޅުވީ ބޯޑަރު ހުރަސްކުރި އުތުރު ކޮރެއާގެ އުޅަނދެއް އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިންކާރު ނުކުރެވޭ ވަރަށް ބޯޑަރު ހުރަސްކޮށް އެ އުޅަނދު ވަދެފައިވާ ކަމަށެވެ.

އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާގެ އުޅަދެއް އުތުރުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް އުތުރު ކޮރެއާގެ އަސްކަރިއްޔާއިން ވެސް ބުނެ އެވެ.

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު އަބަދުވެސް އޮންނަނީ ނުތަނަވަސްވެފަ އެވެ. ދެ ގައުމު ދެ ގައުމަށް ހަމަލާ ދިނުމަށް ހަތިޔާރުތައް ފައްކާކޮށް އަބަދު ހުންނަނީ އަމާޒުކޮށްފަ އެވެ.

ދެކުނުން ބުނާ ގޮތުން އުތުރު ކޮރެއާ އަކީ މުޅި ސަރަހައްދަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. އުތުރު ކޮރެއާއިން ބުނީ ނުރައްކާ ކުރާ ބަޔަކީ ދުޝްމަނުންނަށް [އެމެރިކާއަށް] ދައުވަތު ދީގެން މުޅި ސަރަހައްދުގެ މިނިވަންކަން ގެއްލުވާލާ މީހުން ކަމަށެވެ.

އުތުރު ކޮރެއާއިން މިދިޔަ މަހު ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް އަމާޒުކުރި މިސައިލް ޓެސްޓްތަކާ އެކު އެ ސަރަހައްދުގައި ނުތަނަވަސްކަން އޮތީ ބޮޑުވެފަ އެވެ.

އެއަށްފަހު އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.