ފޮރިން މިނިސްޓްރީ

ކަނޑުގެ އިން ވަކިކުރުމުގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާނެކަން އަންގައިފި

ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑަށް ބަދަލު ނާންނާނެކަން މޮރިޝަސްއަށް އަންގާފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައި ބުނީ އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ އެ ގަރާރަށް ވޯޓުދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް"ގެ ފުރުސަތުގައި އެ ގަރާރަކާ ދެކޮޅު ނުހެދުމަކީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމާ އެކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި ސެޕްޓެމްބަރު 21، 1965 ގައި އދ. ގެ މެންބަރަކަށްވުމަށްފަހު ބައިނަލްއަގްވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެރިކަމާ ދެކޮޅަށް ރާއްޖެގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުންވެސް އަޑުއުފުލާފައިވާ ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެއީ އިސްކަމެއް ދީގެން އަބަދުވެސް ހިފަހައްޓަމުން އައި ސިޔާސަތެއް ކަމަށްވެސް ބުނެފައިވެ އެވެ. އެހެންވެ "އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965"ގެ ނަމުގައި އދ. ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"އދ. ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ އެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައިސީޖީ އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގައި ޗާގޮސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ވަނީ ދައުވާކޮށްފަ އެވެ.