ރައީސް މުހައްމަދު ނަޝީދު

ޗާގޮސް އަކީ ރާއްޖޭގެ ތަނެއް، ހެކި އެބަހުރި: ނަޝީދު

Oct 25, 2022
1

ޗާގޮސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނާނެ ތާރީހީ އަދި ސަގާފީ ހެކި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަަށް ތާއީދުކޮށް އދގައި ވޯޓު ދިނުމަށް ރާއްޖެއިން ނިންމާފައި ވަނިކޮށެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ދިވެހި ސަރުކާރުގެ މި ނިންމުމަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް މޮރިޝަސް އަށް އަށް ދިނުމަށް އެއްބަސްވުމެވެ.

ދިވެހި ސަރުކާރުން ބުނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައި ނުވާ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

ޗާގޮސްގެ މައްސަލައިގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާންކުރަނީ ފޯޅަވައްސާ އެކު ކަމަށެވެ. ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ތާރީހީ އަދި ސަގާފީ ކިތަންމެ ހެއްކެއް އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

"1560 ވަނަ އަހަރު ނުވަވަނަ ރަސްގެފާނުގެ ސިޓީއެއްގައި ރަދުން ބަޔާންކުރައްވަނީ ފޯޅަވަހީގެ ހަތް ރަށް އެއީ ރަށް ރަށް ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޗާގޮސް އަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި އެތަން ބަލަހައްޓަނީ އިނގިރޭސީން ކަމަށެވެ. ޗާގޮސް އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

"ފޯޅަވައްސަކީ ޗާގޮސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް. ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޮސް ބަނޮސްގެ ނަމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތް މައްސަލައިގައި ރާއްޖެއިން މިހާރު އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލުމުގެ ބިރު އެބައޮތެވެ. އެކަމަކު ދިވެހި ސަރުކާރުން އެ ތުހުމަތު ދޮގުކުރެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަަހައްދާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ އެ މައްސަލަ އައިސީޖޭ އާއި އިޓްލޮސް އަށް މޮރިޝަސް އިން ގެންދިޔައީ 2019 ވަނަ އަހަރު އެވެ.