އައްޑޫ ސިޓީ ކައުންސިލް

ހައުސިން ޔުނިޓްތަކުގެ މޮޑެލްތަކެއް އައްޑޫއަށް ގެންދަނީ

އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ރެސިޑެންޝަލް ހައުސިން ޔުނިޓްތަކުގެ މޮޑެލް ގެތަކެއް މި ހަފްތާތެރޭގައި އައްޑޫއަށް ގެނެވޭނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ރެސިޑެންޝަލް ހައުސިން ޔުނިޓް އެޅުމަށް ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ އެކު އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއި ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ހައުސިން ޔުނިޓްތައް އެޅޭނީ އައްްޑޫގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ އެކަމަކު ތަފާތު ސަބަބުތައް މެދުވެރިވެގެން އަދި ދިރިނޫޅޭ ގޯތިތަކުގަ އެވެ. އަދި ގޯތީގެ ވެރިންނާއި މަޝްވަރާކުރުމަށްފަހު ރަނގަޅު އަގެއްގައި މި ގެތައް ދޫކުރެވިގެން ދާނެ ކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވި އެވެ.

މިގޮތުން ނިޒާރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއު ނިމޭއިރު ގެތައް އިމާރާތްކުރެވިފައި ހުރި ގޮތް އާންމުންނަށް ދައްކާލުމުގެ ގޮތުން ހައުސިން ޔުނިޓުގެ ހަތަރު މޮޑެލްއެއް މި ހަފްތާގެ ނިޔަލަށް އައްޑޫއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

"އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުގައި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރެސިޑެންޝަލް ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާވެސް ލެވޭނެ" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި ސޯޝަލް ހައުސިން ޔުނިޓްތަކެއް އެޅާނެ ގޮތްތަކެއް ހޯދުމަށް ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު ވެސް ސޮއިކޮށްފައިވެ އެވެ. މިމަޝްރޫގެ ބިޑިން މަރުހަލާ ކުރިއަށްދާ ކަމަށާއި މި މަޝްރޫއުގެ ދަށުން 75 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރެވޭނެ ކަމަށްވެސް ނިޒާރު މައުލޫމާތު ދެއްވާފައިވެ އެެވެ.

މޭޔަރު ނިޒާރު މީގެކުރިން މީޑިއާގައި ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށެވެ. އެގޮތުން އައްޑޫގައި މަދުވެގެން 2،000 ފްލެޓް އެޅިއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލަ އަށް މިވަގުތަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. ގޯތީގެ ބަދަލުގައި ޖާގަ ތަނަވަސް އަދި އަތްފޯރާ ފަށުގައި ހުންނަ ފްލެޓަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް ނިޒާރު ވިދާޅުވެފައިވެ އެވެ.