ކެބިނެޓް

އިމްސޯގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުގެ ލަފައަކަށް

Oct 25, 2022

އިންޓަނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާއަރުވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމުމާ ގުޅިގެން އިމްސޯގައި ދިވެހި ދައުލަތުން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

އިމްސޯގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުންނެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ -- އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ގައުމެކެވެ.

އިމްސޯ އުފައްދާފައިވަނީ 1979 ވަނަ އަހަރު އައިއެމްއޯގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން އޮފް ޝިޕްސް (އެލްއާރްއައިޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ޖީއެމްޑީއެސްއެސް އަދި އެލްއާރްއައިޓީ އަކީ އައިއެމްއޯގެ މުއާހަދާއެއް ކަމުގައިވާ އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974 އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ގއުމުތަކަށް ލާޒިމުކުރާ ކަމެކެވެ.

ރާއްޖެއަކީވެސް އައިއެމްއޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބަރު ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފަ އެވެ.