މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ވެރިކަމުގައި ފޯޅަވަހި ރާއްޖެއަށް ހޯދާނަން: ނާޒިމު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ މިދުވަސްވަރަކީ ގައުމުގެ ހާލަތާމެދު ހިތާމަކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ. ތަންތަން ވިއްކާ ވާހަކަ އާއި ތަންތަން ނަހަމަ ގޮތުގައި އެކި މީހުންނަށް ދޭ ވާހަކަ އިވެމުންދާ ކަމުގައި ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި ޕާޓީ އުފެއްދީ ރައްޔިތުންގެ ހިދުމަތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްއެންޕީއަށް ކާމިޔާބުވެއްޖެ ނަމަ ޗާގޮސްގެ މައްސަލައިގައި ގާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތްކޮށް ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ޗާގޮސްގެ މައްސަލަ ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވާފަ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް އޮތް ދެ މަހެއް ތެރޭގައި އޮންނާނެކަން ފާހަގަކުރައްވާ ނާޒިމް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ. ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މި ޕާޓީގެ ސްޓޭންޑް ވަރަށް ސާފު. ދިވެހިރާއްޖޭގެ އެއްގަމު، ކަނޑު، ވައި އެންމެ ތަންކޮޅެއްވެސް އަޅުގަނޑުމެން ދޫނުކުރާނަން." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް އުނދަގުލުން ނޫނީ ހައްލު ނުކުރެވޭ ހާލަތުގައި ކަމަށާއި ނަމަވެސް އެމްއެންޕީގައި އެކަންކަން ކުރެވޭ ވަރުގެ ތަޖުރިބާކާރުން އެބަ ތިބި ކަމަށެވެ.