ރައީސް އޮފީސް

ޓެކްސް ބޮޑުކުރަނީ ދަތިކުރާކަށް ނޫން، ފަސޭހަކުރަން: މިއުވާން

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ރާއްޖޭގެ އިގުތިސާދު މެނޭޖްކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި އެއީ އެއްވެސް ބަޔަކަށް ދަތިކުރުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މިއުވާން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސް ނަގާ މިންވަރަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ޓެކްސް ބޮޑުކުރުމަކީ ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އައިމްއެފްއާ ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެގައި ޓެކްސް ނަގާ ރޭޓަށް ބަދަލު ގެންނައުމަށް ރިކޮމެންޑް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރުކުރުމަކީ ޖުމުލަ ގޮތެއްގައި ދިވެހި އިގްތިސާދަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އާމްދަނީއަށް މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އިގްތިސާދު ރަނަގަޅަށް މެނޭޖުކުރެވެން ފެށުމާއިއެކު ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެން ގޮސް ވަޒީފާގެ ޔަގީންކަން ވެސް އިތުރުވެގެން ދާނެ ކަމުގައިބ ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމާ ބެހޭގޮތުން ކަމުގެ މާހިރުންނާއި ސަރުކާރުން ވާހަކަދައްކާފައިވާނެ ކަމަށާއި ބައިނައްލަގުވާމީ ޖަމިއްޔާތަކުގެ ލަފާވެސް ހޯދާފައިވާނެ ކަމުގައި މިއުވާން ވިދާޅުވި އެވެ.

"އެއްވެސް ރައްޔިތަކަށް ލިބޭ އެއްޗެއް އުނި ވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ. އަދި މިކަންކަން ކުރުމަށްޓަކާ އިގްތިސާދު މެނޭޖުކުރަންޖެހޭ. ރާއްޖޭގެ އިގްތިސާދު މެނޭޖުކުރަން ޓެކްސްގެ މިންވަރު އިތުރުކުރުމަކީ މުހިއްމު ފިޔަވަޅެއް،" މިއުވާން ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.

ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލްގެ ބަހުސް ކުރިއަށް ގެންދަނީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ. ޓެކްސް ބޮޑުކުރުމުގެ އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މިއިސްލާހަށް މަޓީއާއި މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ދެކޮޅު ހަދާފަ އެވެ.