އިމްރާން އަބްދުﷲ

ރައީސް ސޯލިހާ މެދު ޔަގީންކަން އެބައޮތް: އިމްރާން

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން މޮރިޝަސް އަށް ފައިދާވާ ގޮތަށް ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަށް ރައީސް ސޯލިހް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ރައީސް އަށް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.

ރައީސް ސޯލިހްގެ އަރިހުގައި މަސަައްކަތްކުރައްވާ ވަޒީރެއްގެ ހައިސިއްޔަތުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރައްވަންޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ރައީސް ސޯލިހް ކުރައްވާނެކަން ޔަގީންކޮށް ކަށަވަރު ކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ހަނދާން އާކުރައްވަމުން އިމްރާން ވިދާޅުވީ މިއީ ދައުލަތެއްގެ ގޮތުގައި މިދައުލަތުގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއަށްވުރެ މަތިވެރި ނިއުމަތެއް ނުލިބޭނެ ފަދަ ބޮޑު ނިއުމަތެއް ކަމަށެވެ. ރާއްޖެ އަކީ ވަރަށް ކުޑަ އަދި މަދު ބަޔަކު އުޅޭ ކުޑަ އިގްތިސާދެއް އޮތް ގައުމެއް ކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އިސްލާމް ދީނުގެ ނިއުމަތަށް ވިސްނައިފިނަމަ އަޅުގަނޑުމެންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި ތިބި ބަޔަކު ދުނިޔޭގެ ނެތް ކަމަށެވެ.

"އެއީ ސައްތައިން ސައްތަ އިސްލާމީ ގައުމަކީ ދުނިޔޭގައި މަދު އެއްޗެއް،" އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ދިފާއުގައި އިމްރާން ވާހަކަދެއްކެވިއިރު މިޖަލްސާގައި ރައީސް ސޯލިހް ވެސް ފުރަތަމަ ފަހަރަށް ވަނީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ މައްސަލައިގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައިވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން މައްސަލައެއްގައިވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި މައްސަލައިގައި ވަކި މީހެއް ނުވަތަ ވަކި ބައެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އަދި ކަމުގެ ހަގީގަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެފަދަ މީހުންގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުން ކަމުގައި ރައީސް ތުހުމަތުކުރެއްވި އެވެ.

މި މައްސަލައިގައިވެސް އަދި ޖާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.