ޑރ. މުފްތީ މެންކް

މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

Oct 27, 2022
1

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ -- މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މެންކުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނެެވެ.

މުފްތީ މެންކުގެ ދަރުސްތައް ރޭވިފައިވާ ގޮތަށް ބަލާއިރު އޭނާގެ ފުރަތަމަ ދަރުސް މާދަމާ ރޭ އޮންނާނީ މާލޭގެ އަލިމަަސް ކާނިވާ ސްޓޭޖުގަ އެވެ. އޭގެފަހުން މިމަހުގެ 29 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި، 30 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައި އަދި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ވެސް މެންކްގެ ދަރުސް އޮންނާނެ އެވެ.

އިސްލާމީ މަރުކަޒުގައި މާދަމާ ހުތުބާ ވިދާޅުވުމާއި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ ވެސް މެންކް އެވެ.

ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ މުފްތީ މެންކް ވަނީ 2015 އާއި 2016 އަދި 2020 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފަ އެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ޒިމްބާބްވޭއަށް ނިސްބަތްވާ މުފްތީ މެންކް އަކީ ދިވެހިންގެ މެދުގައި ވެސް އަދި ދުނިޔޭގެ މުސްލިމުންގެ މެދުގައި ވެސް ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އޮތް ބޭފުޅެކެވެ.