ޑރ. މުފްތީ މެންކް

"ނިއުމަތްތައް ހެޔޮގޮތުގައި ބޭނުންހިފައިގެން ދެދުނިޔެ ހޯދަންޖެހޭ"

Oct 28, 2022
11

ދުނިޔޭގައި ހުންނައިރު ލިބޭ އިލްމާއި ތަނަވަސްކަމާއި މަގާމުތައް ހެޔޮގޮތުގައި ބޭނުން ހިފައި، އެހެން މީހުންނަށް އެހީތެރިވެ، ދީލަތިވެގެން ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ގޮވާލައްވައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ހުތުބާ ވިދާޅުވަމުން މެންކް ވިދާޅުވީ އިންސާނާގެ ހިތަކީ އެހެން މީހުންނަށް ސާފު އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. މީހުންނަށް އިހްތިރާމުކޮށް އެހީތެރިވެވޭނީ ތިމާގެ ހިތް އެހެން މީހުންނާ މެދު ސާފުކޮށް އޮވެގެން ކަމަށާއި ލިބިފައިވާ ނިއުމަތްތަކަށް ދަހިވެތިވާ މީހުންނަކީ އަބާއްޖަވެރިން ކަމުގައި ވިދާޅުވި އެވެ.

މެންކް ވިދާޅުވީ ދުނިޔޭގައި އުޅެނީ ދެ ދުނިޔެ ބާއްޖަވެރިކުރަން ކަމަށްވާނަމަ އެކަން ކުރެވޭނީ ހެއްދެވި ފަރާތާއި ތިމާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެެގެން ކަމަށެވެ. އެކަން ކުރެވޭނީ ހެއްދެވި ފަރާތަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރަން އަންގަވާފައިވާ ކަންކަން ކިޔަމަންތެރިކަމާ އެކު ކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ ދުނިޔޭގައި ތިމާއަށް ލިބިފައިވާ ތަނަވަސްކަމާއި އިލްމާއި މަގާމުތަކުގެ ބޭނުން ހިފައިގެން އެހެން މީހުންނަށް އިހްތިރާމާ އެކު ކަންކަން އޮޅުންފިލުވައިދިނުމަށް ނަސޭހަތްތެރިވި އެވެ.

"ﷲގެ ރުހުން ލިބޭނީ އެހެން މީހުންނަށް ވެސް [ތިމާ] އިހްތިރާމުކޮށްގެން،" މެންކް ވިދާޅުވި އެވެ.

ޒިމްބާބްވޭއަށް އުފަން އިލްމުވެރިޔާ ވިދާޅުވި ހެއްދެވިފަރާތާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ﷲ އަންގަވާފައިވާ ކަންކަން ކުރުމަށް އިސްކަންދިނުމާއެކު ދިރިއުޅުން އުޖާލާކުުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްގެން ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ގޮސްގެން ނުވާނެ ކަމަށާއި ހެއްދެވި ފަރާތަށްވުރެ ބޮޑަށް އެހެން އެއްވެސް އެއްޗަކަށް ލޯބިވެވިގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދުނިޔޭގައި ދުވަސްތައް ހޭދަކުރާއިރު ކުށެއް ކުރެވިއްޖަނަމަ ލަސްނުކޮށް ތައުބާވުމަށްވެސް މެންކް އިލްތިމާސް ކުރެއްވި އެވެ. އަދި ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމަށް ވަގުތުކޮޅެއް ހުސްކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ. ޤުރުއާންގައި އިންސާނާ ދިރިއުޅެންވާ ގޮތް ބަޔާންކޮށްދީފައިވާތީ އެކަން އޮޅުން ފިލުވުމަށް މަސައްކަތް ކުރާ މީހަކަށް ސުންތާ އެއްގޮތަށް އުޅުމަށް ހިތްވަރު ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މެންކް ވިދާޅުވީ ޤުރުއާނަކީ އިންސާނުންނަށް ރަހްމަތެއް ކަމަށާއި ﷲ އަށް އަޅުކަން ކުރުމާއި ﷲ އެންގެވި ގޮތަށް ދުނިޔޭގެ ދުވަސްތައް ހޭދަކުރަންޖެހެނީ އާހިރަތް ބާއްޖަވެރި ކުރަން ކަމަށެވެ. ﷲ އަކީ ހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަ އިލާހު ކަމަށާއި އާހިރަތާ ބައްދަލުކުރަންޖެހޭނެ ކަން ޤުރުއާނުން އެނގެން އެބައޮތް ކަމުގައިވެސް މެންކް ވިދާޅުވި އެވެ.