ދުނިޔެ

ޖަރުމަނުން ލޭޒާ ހަތިޔާރު ޓެސްޓްކޮށްފި

ޖަރުމަނުގެ އަސްކަރިއްޔާއިން ލޭޒާ ހަތިޔާރު ޓެސްޓްކޮށްފި އެވެ.

ނޭޓޯ ސިފައިން އަފްޣާނިސްތާން ހިސޯރުކޮށްގެން ތިބިއިރު އަޖުމަބެލުމުގެ ގޮތުން ލޭޒާ ހަތިޔާރުގެ ވައްތަރެއް ޓެސްޓްކުރި ކަމަށްވެސް ބުނެ އެވެ.

އަސްކަރިއްޔާ ބާރުވެރި ކުރުމުގެ ގޮތުން "ހައި އެނާޖީ ލޭޒާ"ގެ ނަމުގައި ޖަރުމަނުގެ އަސްކަރީ އާލާތްތައް އުފައްދާ ރެއިންމެޓަލް އިން އުފެއްދި ލޭޒާ ހަތިޔާރަކީ ހެލިކޮޕްޓަރާއި، ވައިގެ ތެރޭގައި އުދުހި ހަމަލާދޭ މިސައިލް އަަދި ޑްރޯންތައް ވައްޓާލުމަށް ނިޔަތްގަނެގެން އުފެއްދި އާލާތެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަތިޔާރު އުފެއްދުމުގެ ރޭހުގައި ޖަރުމަނުން ލޭޒާ ހަތިޔާރު އަސްކަރިއްޔާގައި ބޭނުންކުރެވޭ ފެންވަރަށް އުފެއްދީ 2013 ގައެވެ.

ލޭޒާ ހަތިޔާރު މިފަހަރު ޓެސްޓްކުރީ އޭގެ އިލެކްޓްރޯ އޮޕްޓިކަލް ސެންސަރުތަކުގެ ބަރާބަރުކަން ކަށަވަރުކުރަން ކަމަށް ބުނެވެ އެވެ.

ރެއިންމެޓަލް އާއި އެމްބީޑީއޭ ގުޅިގެން އުފައްދާ ލޭޒާ ހަތިޔާރު އަސްކަރިއްޔާގައި އަދި ބޭނުން ނުކުރާނެ އެވެ. އެއީ އަސްކަރީ ހާޑްވެއާ އިންޖިނޭރުން މުޅިން ހިތްހަމަނުޖެހޭތީ ކަމަށްވެސް ބުނެވެ އެވެ.

އެހެންކަމުން 2023ގެ ނިޔަލަށް ނުވަތަ އެހާ ހިސާބަށް މި ހަތިޔާރު ޓެސްޓްކޮށް އަޖުމަ ބަލާނެ އެވެ.

އަސްކަރީ މަރުކަޒުތަކުގައި އަދި ހަނގުރާމައިގެ ފަރިތަކުރުން ތަކުގައި ލޭޒާ ހަތިޔާރު ބޭނުންކޮށް ލިބޭ ނަތީޖާއަށް ބަލާފައި ނޫނީ މުޅިން އަތްދޫކޮށް ނުލާނެ ކަމަށް ރެއިންމެޓަލް އިން ބުނެ އެވެ.

ޖަރުމަނުން ލޭޒާ ހަތިޔާރު މިވަގުތާ ދިމާކޮށް ޓެސްޓްކުރުން ކޮޅުއެއްލަނީ ޔުކްރޭނަށެވެ. އެއީ ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށް ޔުކްރޭނަށް ލޭޒާ ހަތިޔާރު ފޯރުކޮށްދޭން ޖަރުމަނުން ހިންގާ ޕްރޮގްރާމެއް ކަމަށް އޮތީ ނަންވެފަ އެވެ. އެހެންނަމަވެސް ރެއިންމެޓަލް އިން ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ފެށުނުއިރު ވެސް ލެޒާ ހަތިޔާރަކީ މޭޒުމަތީގައި އޮތް އެޖެންޑާ އެކެވެ.