ފިނޭންސް މިނިސްޓްރީ

ލިބުނީ 21 ބިލިއަން، ހަރަދަށް 28 ބިލިއަން

ދައުލަތަށް މިއަހަރުގެ މިހާތަނަށް 21 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނުއިރު ހަރަދު 28 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހިނގަމުންދާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 21.22 ބިލިއަން ރުފިޔާ އެވެ.

އާމްދަނީގެ 72 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އެވެ. 28 އިންސައްތައަކީ ޓެކްސް ނޫން އާމްދަނީ އާއި އެހީ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 15.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެހީގެ ގޮތުގައި 271.8 މިލިއަން ރުފިޔާ ލިބުނެވެ.

އެންމެ ގިނައިން ޓެކްސް އާމްދަނީ ލިބުނީ

  • ޖީއެސްޓީ --ޖެނެރަލް ޖީއެސްޓީ އާއި ޓީޖީއެސްޓީ ހިމެނޭ ގޮތަށް-- 7.4 ބިލިއަން ރުފިޔާ
  • ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް - 3.9 ބިލިއަން ރުފިޔާ
  • އިމްޕޯޓް ޑިއުޓީ - 2.4 ބިލިއަން ރުފިޔާ

އެންމެ ގިނައިން ޓެކްސް ނޫން އާމްދަނީ ލިބުނީ

  • ފީ އަދި ޗާޖަސް - ދެ ބިލިއަން ރުފިޔާ
  • ޕްރޮޕަޓީ އިންކަމް - 1.7 ބިލިއަން ރުފިޔާ

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ހަރަދަށް މިއަހަރުގެ މިހާތަނަށް 21.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ކެޕިޓަލް ހަރަދަށް 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މުސާރަ އާއި އިނާޔަތްތަކަށް މިއަހަރުގެ މިހާތަނަށް 8.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް މިއަހަރު ވަނީ 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.