މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންގެ އިސްވެރިން ގައިދީން ގޮވައިގެން ޑޮކްޓަރަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ގައިދީންނާ އެކު ކަރެކްޝަންސްގެ ސީނިއާ އޮފިސަރުން ހަރަކާތްތެރިވާ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

މި އޮޕަރޭޝަން މިއަދު ފަށާފައިވަނީ "އޮޕަރޭޝަން ހޭހަން"ގެ ނަމުގަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ޔުސްރީން އަހްމަދު ވިދާޅުވީ ގައިދީންނާއި ބަންދު މީހުންގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން އެބަތިބި ކަމަށެވެ. އެހެންވެ މި އޮޕަރޭޝަނަކީ ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގައިދީން ގެންގޮސް ޑޮކްޓަރުންނަށް ދެއްކުމުގައި ކަރެކްޝަންސްގެ އެންމެ އިސްވެރިން ސީދާ ގޮތުން ބައިވެރިވާ އޮޕަރޭޝަނެއް ކަމަށެވެ.

ޔުސްރީން ވިދާޅުވީ މިއޮޕަރޭޝަންގައި ހަރަކާތްތެރިވާ ސީނިއާ އޮފިޝަލުން ކުރައްވާ މައިގަނޑު ކަމަކީ އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގައިދީންނާއި ބަންދުގައި ތިބި މީހުން ޖަލުން ނެރެގެން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ގެންގޮސް ޑޮކްޓަރަށް ދައްކައިދީ ތަފާތު އެކި ޓެސްޓުތައް ހަދައިދީ ގައިދީންނަށް ފަސޭހައިން ހިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މި އޮޕަރޭޝަންގެ މަގުސަދަކީ ގައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި، ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް ދެނެގަނެ ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

މި އޮޕަރެޝަނުގައި ބައިވެރިވާ ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ރިފްރެޝާ ޕްރޮގްރާމެއް ވެސް ހިންގާފަ އެވެ.

ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އަަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް ކަރެކްޝަނުން ބުންޏެވެ. އެގޮތުން މި އޮޕަރޭޝަންގެ ތެރެއިން އިތުރަށް ރަނަގޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައް ދެނެގަނެވޭނެ ކަމަށްވެސް ކަރެކްޝަނުން ފާހަގަކުރެ އެވެ.