މޮރިޝަސް

ޗާގޯސްގެ އަސްލު ވަޒަންވެރިން ބޭނުމީ އަމިއްލަ ވަޒަނަށް ދާން

ޗާގޯސްއަކީ އެތަނުގައި ދިރިއުޅުނު އެތަނުގެ ރައްޔިތުންގެ ތަނެއް ކަމަށާއި، މޮރިޝަސް އާއި ޗަގޯސް އާއި އޮތް ހަމައެކަނި ގުޅުމަކީ އިސްތިއުމާރީ ގުޅުމެއް ކަމަށް ޗާގޯސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ "ޗާގޯސިއަން ވޮއިސެސް" އިން ބުނެފި އެވެ.

އިންޓާނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އެފް ދަ ސީ (އިޓްލޮސްގައި) ޗާގޯސްގެ ރަށްތަކާއި ކަނޑުގެ ސަރަހައްދު ބައިކުރުމާއި ބެހޭ ގޮތުން ދިވެހިރާއްޖެއާއި މޮރިޝަސްއާއި ދެމެދު މިހާރު ކުރަމުންދާ މަޝްވަރާތަކާއި ގުޅޭގޮތުން "ޗާގޯސިއަން ވޮއިސެސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސް އިން ކުރާ އިސްތިއުމާރުގެ ދައުވާ އެމީހުން ބަލައިނުގަންނަ ކަމަށެވެ.

މޮރިޝަސް އާއި ޗާގޮސްއާ އޮތް ހަމައެކަނި އޮތް ގުޅުމަކީ އިނގިރޭސިން އިސްތިއުމާރުކޮށްގެން އުޅުނުއިރު މޮރިޝަސްގެ އިދާރީ ބެލުމުގެ ދަށުގައި އޮތް އޮތުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިންނަކީ ޗާގޯސިއަނުން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ޗާގޯސްގެ ރައްޔިތުންނަކީ އެމީހުންގެ އަމިއްލަ ބަހަކާއި، އަމިއްލަ ސަގާފަތެއް އޮންނަ ބައެއް ކަމަށެވެ. އަދި ޗާގޯސްގެ ރަށްތަކުގައި ދިރިއުޅުނު ރަށްވެހިން އެ ތަނުގައި 200 އަށް ވުރެ ގިނަ އަހަރު އުޅުނު ކަމަށްވެސް ޗާގޯސްގެ ރަށްވެހިން ބުނެ އެވެ.

އެމީހުން ވަނީ ޗާގޯސްގެ ރައްޔިތުން ދެކޭ ގޮތް އަޑުއަހައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިޖީސީ)ގައި އެ މައްސަލަ ޝަރީއަތުގެ އަޑުއެހުންތައް އަލުން ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ. އަދި އިޓްލޮސްގައި މިހާރު ކުރިއަށްދާ އަޑުއެހުންތައް ގަބޫލުނުކުރާނެކަމަށް ވެސް ބުނެފައިވެ އެވެ.

"އިޓްލޮސްގައި ބާއްވާ އަޑުއެހުމުގައި އެއްވެސް ވަރެއްގެ ސައްހަކަމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ" ޗާގޯސިއަން ވޮއިސެސް އިން ބުނެ އެވެ.

ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތު އެ ސަރަހައްދުގެ މައްޗަށް އޮތް ތަނެއް ކަމަށް ގަބޫލުކޮށް ރާއްޖޭން ވަނީ ވޯޓު ދޭން ނިންމާފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ އެ މައްސަލަ އައިސީޖޭ އާއި އިޓްލޮސް އަށް މޮރިޝަސް އިން ގެންދިޔައީ 2019 ވަނަ އަހަރު އެވެ.