ރައީސް މުހައްމަދު ނަޝީދު

ޗާގޮސް ރަށްތައް ބަހަން މޮރިޝަސްއާ މަޝްވަރާކުރިން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗާގޮސްގެ ރަށްތައް ބެހުމާމެދު މޮރިޝަސްއާއެކު މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ޓްވިޓާގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މޮރިޝަސްއާއެކު އަބަދުވެސް ވާހަކަ ދެކެވުނީ ޗާގޮސްގެ ރަށްތައް ބެހުމާ ގުޅޭގޮތުން ކަމަށެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްގީ ދިވެހިންނަށް ކަމަށާއި ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސީން ދޫކޮށްލާއިރެއްގައި ސިޔާދަތީ ބާރު އެނބުރޭނީ ރެ ރަށުގެ އަހުލުވެރިންނަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހީގެ ނަން ވައްތަރީ ފުވައްމުލަކާ ކަމަށާއި ރަށްތައް އުފެދިފައިވާ ގޮތަށް ބެލި ނަމަވެސް އެއީ ރާއްޖޭގެ ރަށެއް ކަމަށެވެ.

ފޯޅަވަހީގައި ދިވެހިން ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުން ބަނޑަހަޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަ ކަމަށާއި މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ރާއްޖެ އޮތީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަށް ނޫން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.

ކަނޑުގެ އިމުގެ މައްސަލަ ކުރިއަށް ދަނިކޮށް ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތު އެ ސަރަހައްދުގެ މައްޗަށް އޮތް ތަނެއް ކަމަށް ގަބޫލުކޮށް ރާއްޖޭން ވޯޓު ދޭން ނިންމިކަން ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގެ އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި އެއީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށެވެ.

އދގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރުން އެކަމުގައި އަމަލުކުރި ގޮތުން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.