އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕްރީ އެކްޓިވޭޓެޑް ސިމް ދޫކުރުން ހުއްޓުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހްމަދު ވިދާޅުވީ ގަންނަ ސިމްތައް ރަޖިސްޓްރީ ކުރުމުގެ މަރުހަލާ މިވަގުތު އެންމެ ރަނގަޅަށް ކުރިއަށް ނުދާ ކަމަށެވެ. ރަޖިސްޓްރީ ނުކުރާ ސިމްތައް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރާ އަދަދު ގިނަވަމުން ދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ވިއްކުން ޑިސެމްބަރުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުސޫލުތައް ގާއިމްކޮށްފަ އޮތަސް ގިނަފަހަރު ސިމް ވިއްކާ ބޭފުޅުންނާ ސިމް ރީސޭލް ކުރާ ބޭފުޅުންވެސް އެ އުސޫލުތަކަށް އަމަލު ނުކުރާކަން ފާހަގަކުރެވޭ،" އިލްޔާސް ވިދާޅުވި އެވެ.
އެ އޮތޯރިޓީ އިން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އެއް މަސް ތެރޭގައި ސިމް ވިއްކާ ފަރާތުގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރޭޝަން ފޯމެއް ސާވިސް ޕްރޮވައިޑަރަށް ފޮނުވައި ސިމް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
"މި އުސޫލުތަކަށް އަމަލުކުރާ ބޭފުޅެއް މިހާރަކު ނޫޅޭ. އެތައް މަހެއް ވާއިރު ވެސް ސިމް ކާޑުތައް ރަޖިސްޓްރީ ނުކޮށް އެބަހުރޭ،" އިލްޔާސް ފާހަގަކުރެއްވި އެވެ.
މިހާރު ދިރާގު އަދި އުރީދޫން އިން ވިއްކާ ސިމްތަކަކީ ރަޖިސްޓްރީ ނުކޮށް ވެސް ބޭނުންކުރެވޭ އެކްޓިވޭޓެޑް ސިމް ކާޑު ތަކެކެވެ. ނަމަވެސް އާ އުސޫލާއި އެކު އަންނަ ޑިސެމްބަރުން ފެށިގެން ދޫކުރާ ސިމްތައް އެކްޓިވޭޓް ވާނީ މައުލޫމާތު ކަށަވަރު ކުރުމަށްފަހު ރަޖިސްޓްރީ ކުރުމުން ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް ތައާރަފް ކުރާ ރަޖިސްޓްރޭޝަން ސިސްޓަމަކީ އޮންލައިންކޮށް ވަގުތުން ރަޖިސްޓްރޭޝަނަށް ބޭނުންވާ މައުލޫމާތުތައް ހިއްސާ ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ސިސްޓަމެކެވެ.
"ސިމެއް ނެގިޔަސް މައުލޫމާތު ފުރިހަމަ ނުކުރަންޏާ އެއީ ޕްލާސްޓިކް ޗިޕެއް. ބޭނުން ކުރެވޭނީ މައުލޫމާތު ފުރިހަމަ ކުރީމާ،" އިލްޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން ސްކޭމް ކޯލްތައް އިތުރުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދިރާގާއި އުރީދޫއާ މަޝްވަރާ ކޮށްގެން ކޮންމެ ކަސްޓަމަަރަކަށް ގަނެވޭނެ ސިމްގެ ވަކި އަދަދެއް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރެވެމުން އަންނަ ކަމުގައި އިލްޔާސް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެން ވަކި އަދަދެއް ކަނޑައެއް ނާޅަން. އެކަމަކު މި މަޝްވަރާތައް ނިމުމާ އެކު ކުރިއަށް އޮތް ހަމަސް ތެރޭގައި އަދަދެއްް ވެސް ކަނޑައެޅިގެން ދާނެ" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ މި މަސައްކަތް ނިމޭއިރު މައުލޫމާތު ފުރިހަމަ ނޫން ސިމްތައް ބަލައި އެ މައުލޫމާތުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް އެއަށް ފަހު މައުލޫމާތު ފުރިހަމަ ކުރަންދެން އެފަދަ ސިމްތަކުގެ ހިދުމަތް މެދުކަނޑާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފުރިހަމަ ކުރުމާއި އެކީ އެފަދަ ސިމްތައް އަލުން ބޭނުން ކުރެވޭނެ،" އިލްޔާސް ވިދާޅުވި އެެވެ.