ރައީސް އޮފީސް

ކުއްޔަށް އުޅޭ މީހުންނަށް ބިލު ކުރެވޭ ގޮތް ހަދައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހަކީ އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހަކީ މި ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އާންމު ބޭނުންތަކުގެ ހިދުމަތްތަކުން ބިލުކުރުމާގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމެވެ. މި މާއްދާގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު އޮތޯރިޓީން އެކުލަވާލާނެ އެވެ.

ޔުޓިލިޓީ ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަންވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށާއި ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތް ނޫން ފަރާތެއް ކަމުގައިވާނަމަ އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި އެ ހިދުމަތެއް ހިދުމަތް ފޯރުކޮށްދޭ ފަރާތުގައި ރަޖިސްޓްރީ ކުރެވިދާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ކުރައްވާފައެވެ.