ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ތައުރީފް މެންކް އަށް

Nov 1, 2022

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ ޑރ. އިސްމާއީލް މެންކް ދީން ފެތުރުއްވުމުގައި އަދާކުރައްވާ ދައުރަށް ރައީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުރީފް ކުރައްވައިފި އެވެ.

މެންކްގެ މަސައްކަތްތަކަށް ރައީސް ތައުރީފް ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެންކްއާ ބައްދަލުކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މެންކް ރާއްޖެ ވަޑައިގެން މާލެ، ހުޅުމާލެ، އައްޑޫ އަދި ފުވައްމުލަކުގައި ވަނީ ހާއްސަ މައުލޫއު ތަކަކަށް ދަރުސް ދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވެވުމުގައި މެންކް އަދާކުރައްވަނީ ވަރަށް މުހިއްމު ދައުރެއް ކަމަށެވެ. މުފްތީ މެންކަކީ ދިވެހިންގެ ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމާ އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުއްމީދު ކުރަމުން އައި ދަތުރުފުޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިއްމު މައްސަލަތަކަށް އަލިއަޅުވާލައްވާ އެވާހަކަތައް ފަސޭހައިން ފަހުމުވާނެ ފަދަ ގޮތަކަށް ދަރުސް ކުރިއަށް ގެންދަވާތީ އެކަމަށް ތައުރީފުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކެއްގެ ހުންނަ ތަފާތުތަކަށް އިހްތިރާމުކޮށްގެން ކުރިއަށް ދިއުމުގެ މުހިއްމުކަން މުފްތީ މެންކްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.