ޑރ. މުފްތީ މެންކް

މެންކް ފުރާވަޑައިގެންފި

Nov 2, 2022

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ -- މުފްތީ މެންކް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މެންކްއަށް އަލްވަދާއު ކިޔާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މެންކް ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މުފްތީ މެންކް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފުރަތަމަ ދަރުސް ދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދެއްވީ މާލޭގެ އަލިމަަސް ކާނިވާ ސްޓޭޖުގަ އެވެ. އޭގެފަހުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި، 30 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައި އަދި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ވެސް މެންކް ދަރުހެއް ދެއްވާފައިވެ އެވެ.

މީގެއިތުރުން އިސްލާމީ މަރުކަޒުގައި މިދިޔަ ހުކުރު ދުވަހު ހުތުބާ ވިދާޅުވުމާއި އިމާމުވެ ހުކުރު ނަމާދު ކުރެއްވީވެސް މެންކް އެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.

ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ މުފްތީ މެންކް ވަނީ 2015 އާއި 2016 އަދި 2020 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފަ އެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ޒިމްބާބްވޭއަށް ނިސްބަތްވާ މުފްތީ މެންކް އަކީ ދިވެހިންގެ މެދުގައި ވެސް އަދި ދުނިޔޭގެ މުސްލިމުންގެ މެދުގައި ވެސް ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އޮތް ބޭފުޅެކެވެ.