މިއުވާން މުހައްމަދު

"މާލޭގައި އެއްވެ އުޅުމުގެ ފުރުސަތު ހޯދައިދޭނަން"

މާލޭގައި އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުން ހޯދައިދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅު ވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި އެއްވެ އުޅުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކުރީގެ ސަރުކާރުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު ބަދަލުކޮށް އެ ފުރުސަތު މި ސަރުކާރުން ހޯދައިދޭނެ އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަކީ ސަރުކާރުން އެކަންކަމަށް އެއްބާރުލުންދޭ ކަންކަން" މިއުވާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ޖަލަށްލުން ފަދަ އަމަލުތައް ހިނގަމުން ދިޔައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެ އެ ހައްގު ހަނިކޮށްގެން ކަމަށެވެ. މިސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މާލޭގައި އެއްވެ އުޅުން މުޅިން ހުއްޓުވާލުމުގެ މަގުސަދުގައި އެއްވެ އުޅުމުގެ ހައްގު ހޯދައިދީފައިވާ ގާނޫނު އިސްލާހު ކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

އޭރު ޔާމީންގެ ވެރިކަމުގައި ގާނޫނު އިސްލާހުކޮށްލީ މާލޭގެ ކާނިވާ ސަރަހައްދު ފިޔަވާ އެހެން އެއްވެސް ތަނެއްގައި މުޒާހަރާއެއް އަދި އެއްވުމެއްވެސް ނުބޭއްވޭ ގޮތަށެވެ.

ގާނޫނުގެ އެ މާއްދާ އުވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ސަރުކާރަށް ހަތަރުވާން ދާއިރު އަދި އެ ވައުދު ފުއްދާފައެއް ނުވެ އެވެ.