ލައިފްސްޓައިލް

ފޫހިފިލުވަން އިންދީ އެންމެ ނުރައްކާ ގަސް

ގިނަ މީހުން ފޫހިކަން އިހްސާސް ވާނަމަ ސީރީޒް އެއް ބަލާލައި ފޮތެއް ކިޔާލައި ނުވަތަ އެނދުގައި އޮވެގެން ފޯނާ ކުޅެލަ އެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ މި ފިރިހެން މީހާ ފޫހިވެގެން ކުރީ ދުވަހަކުވެސް މީހަކު ކުރަން ހެޔޮނުވާވަރުގެ ކަމެކެވެ.

ގަސް ހެއްދުމަށް ލޯބިކުރާ ޑެނިއަލް އެމިލީން ޖޯންސް ފޫހިވެގެން ކުރި ކަމަކީ "ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ގަސް" ހެއްދީ އެވެ.

ޑެންޑްރޯސިނައިޑް މޮރޯޑީސް އަކީ އޮސްޓްރޭލިއާ އާއި އިންޑޮނީޝިއާގައި ހެދޭ ގަހެކެވެ. އިންސާނެއްގެ ގައިގައި މި ގަހުގެ ފަތެއްގެ ކަން ޖެހިލި ނަމަވެސް ކަށިތަކެއް ހަރައިގަތީމަ އިހްސާސްވާ ކަހަލަ ވަރުގަދަ ވޭނެއް އިހްސާސް ކުރެވޭނެ އެވެ.

މި ގަހަށް "ގިމްޕީ ގިމްޕީ"ވެސް ކިޔަ އެވެ. "ސުއިސައިޑް ޕްލާންޓް"ވެސް ކިޔަ އެވެ. އެ ނަން މި ގަހަށް ކިޔަނީ ގަހުގައި އޮޅިގެން ނަމަވެސް ޖެހެވިއްޖެނަމަ އެ ލިބޭ ވޭނުން އަމިއްލައަށް މަރުވުމުގެ ޚިޔާލު އެމީހަކަށް ކުރެވޭތީ ކަމަށް ވެއެވެ.

މި ގަހުގައި ކެހެރިތަކެއް ހެން ހުންނަ ކުދިކުދި ކަށީތަކެއް ހެރެ އެވެ. މީގެން އެންމެ ކައްޓެއް އިންސާނެއްގެ ހަންގަނޑުގައި ޖެހުނު ނަމަވެސް އެތައް އަހަރެއް ވަންދެން ގަދަފަދަ ވޭނުގައި އުޅެން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އެމިލީން ޖޯންސް ބުނި ގޮތުގައި އޭނާ މި ގަސް ހެއްދީ އިންސާނުންނަށް އަތް ނުލެވޭނެ ގޮތަށް ވަކިން ބަންދުކޮށްފައި ހުރި ކޮއްޓެއް ހަދައި އެ ކޮށި ތެރޭގަ އެވެ. އަދި އެ ކޮށި ބޭރުގައި އޭނާ އިންޒާރުގެ ބޮޑު ލިޔުމެއް ހަރުކޮށްފައި ހުންނާނެ ކަމަށްވެސް އެމިލީން ބުންޏެވެ.

"އަހަރެން އަބަދުވެސް ގަސް ދެކެ ވަރަށް ލޯބިވޭ. ނަމަވެސް އާދައިގެ ގަސް ހައްދާ ހައްދާ ފޫހިވެގެން މި ގަސް ހައްދަން ގަސްތުކުރީ،" އެމިލީން ބުންޏެވެ.

މި ގަހުން އާތުރައިޓިސް އަށް ފަރުވާ ކުރެވޭ ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް މިކަމުގެ އެކަށީގެންވާ ހެއްކެއް ލިބިފައެއް ނެތެވެ.

މި ގަހުގެ ފަތެއްގެ ކަނެއް މީހެއްގެ ގައިގައި ޖެހިލިޔަސް އެހިސާބުން އަތާއި ފައި ދުޅަވެ އެލާޖިކްވެ، ހުއްޓާ ނުލައި ކިނބިހި އެޅި އަދި ރަތްކުލައިގެ ބިހިތަކެއް ނަގަ އެވެ.

ޑެއީލީ މެއިލްގައިވާ ޚަބަރެއް ބުނާ ގޮތުގައި އެއް ފަހަރަކު މީހަކު ޓޮއިލެޓް ޕޭޕަރެއްގެ ގޮތަށް މި ޕްލާންޓް ބޭނުންކުރި އެވެ. ފަތް ގައިގައި ޖެހުމާއެކު އެވީ ތަދުން އެމީހާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

އޮސްޓްރޭލިޔާގައި މި ގަސް މަޝްހޫރުވެފައިވަނީ ކަށިޖަހާ ގަސް "ދަ ސްޓިންގިން ޓްރީ"ގެ ނަމުންނެވެ. މި ގަހުގެ ކައްޓެއް ހެރިއްޖެނަމަ މުޅި ހަށިގަނޑު އެސިޑުން އަނދާ ކަމުގެ އިހްސާސާއެކު ކަރަންޓުގައި ޖެހުނީމާ ކުރެވޭ އިހްސާސް ކުރެވެ އެވެ.

އެންމެ ސިކުންތަކަށް ނަމަވެސް މީހަކު މި ގަހުގައި ކުޑަކުޑަކޮށް ޖެހިލިޔަސް ކުދިކުދި އިސްތަށި ކަހަލަ ކަށިތަކުން ވަރަށް ގަދަ ދިލަޔެއް އެމީހާގެ ހަށިގަނޑަށް ފޮނުވާލާނެ އެވެ.